ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން އެކުލަވާލި ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު. އިންކުއަރީ ރިޕޯޓްގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅާފަ. އަދި ގަައުމީ ސަލާމަތާއި ގުޅުންހުރި ގިނަކަންތައްތަކެއް އެކުލެވޭއިރު އެބައި ވަނީ ސިއްރު ކުރުމަށްފަހު ރިޕޯޓް އާންމުކޮށްފަ. މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

މި ރިޕޯޓު ރައީސަށް އެރުވީ، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ރައީސް އޮފީހުގައި މިކަމަށްޓަކައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސް ވަނީ މި ރިޕޯޓް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލައްވާ ހުށައެޅުއްވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފަ އެވެ.

މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވާފަ އެވެ. އަދި މި ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުން ވެސް ދެއްވި އެއްބާރުލުން ފާހަގަކޮށްފައިވެ އެވެ. އަދި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވި އެވެ. އަދި މި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުޤީޤީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާކަމަށް މުގައްރިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.