ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިވަގުތު ރާއްޖޭގައި ހުރި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ ބޭފުޅާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލިސްގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސަ ސަނާ ވިދާޅުވެއްޖެ އެވެ.

މިހާރު ސިޔާސީ އެއްވެސް މަގާމެއްގައި ނޫޅުއްވާ ރީކޯ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އެހީތެރިކަން ހޯދަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ރީކޯ މޫސަ ކުރެއްވި ޓުވީޓްގައި ވިދާޅުވީ ‏ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ ބޭފުޅަކަށް ފެނިވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުކަން ސިޔާސީ ހުރިހާ ފަރާތްތަކުން މިހާރު ގަބޫލުކުރާ ކަމަށެވެ.

އަމިއްލަ ޕާޓީ ތެރޭގައި ބަޔަކު ބޮޑާ ހޭކިޔަސް އަދި އިދިކޮޅުން ރައްދެއް ދިނަސް އަމާޒުވަނީ ރައީސް ސޯލިހަށް ކަމަށް ވެސް މޫސަ ފާހަގަ ކުރެއްވި އެވެ.

"ބަޔަކު ޕާޓީއެއް ހެދިޔަސް، އަމިއްލަ ޕާޓީ ތެރެއިން ބޮޑާ ހޭކިޔަސް، އިދިކޮޅުން ރައްދެއް ދިނަސް، އަމާޒުވަނީ ރައީސް ސޯލިހުއާ 2023 އާ އަޅުވާފައި؟" މޫސާ ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕެއްގައި ވިދާޅުވީ ސިޔާސީ ގޮތުން އިތުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ދެން ހުންނަވަން ބޭނުން ނުވާ ކަމަށާއި މިހާރު ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަންކަމަށް އެދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ [ރައީސް ނަޝީދު އާއި ރައީސް ސޯލިހް] ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ 'އިބޫ ދޮންބެ' އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2023 ގައި ވާދަކުރަށްވާނެކަން އިޢުލާން ވެސް ކުރަށްވާފަ އެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް ސޯލިހު މިހާތަނަށް ހާމަ ކުރައްވާފައެއް ނުވެ އެވެ.