މާލޭ ސިޓީގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަމާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް އީދުގެ ބަންދަށް ފަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮވިޑް ހާލަތު ރަނގަޅުވުމާއެކު މާލެގެ ކަންކަމުގައި މާލެ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތައް އީދު ބަންދަށް ފަހު ސަރުކާރު ހުޅުވިގެންދާއިރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޮގަސްޓް މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި އެކި އަވަށްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން ކޮންމެ އަވަށަކާއެކު ވަކި ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާއިރު މާލެ ސަރަހއްދުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެ ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ތާރީހާއި ތަނުގެ މައުލޫމާތު:

  • ގަލޮޅު ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 5، - އަލިކިލޭގެ ފާނު މަގުގައި ހުންނަ ޕާކުގައި
  • ވިލިމާލެ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 8 - ވިލިމާލެ ބޯޅަ ދަނޑުގައި
  • މައްޗަށް ގޯޅި ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 10 - މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި
  • މާފަންނު ބައއްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 12 - ރަސްފަންނު ސަރަހައްދުގައި
  • ހެންވޭރު ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 14 –- ލޮނުޒިޔާރަތް ޕާކުގައި

މޭޔަރު އިތުރަށް ވިދާޅުވީ އަވަށު ބައްދަލުވުމުގައި ގިނަ ކަންތަކާއި މަޝްވަރާ ކުރެވިގެންދާއިރު އެކަމެއްގައި ރައްޔިތުން ދެކޭ ގޮތް ހިއްސާކޮށްދެއްވުމަކީ ވަރަށްބޮޑަށް އެދޭ ކަމެއް ކަމަށެވެ.

މާލެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލާގައި ގުޅީފަޅާ މެދުގައި ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށާއި މާލެ އިންޑަސްޓްރިއަލް ވިލެޖާ މެދުގައި ރައްޔިތުން ދެކޭގޮތްވެސް ބަލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަން ކޮންމެ އަވަށެއްގައި ހަދާނެ ތަންތަނާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މިއީ ސީދާ މާލެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއެކު މާލޭގެ ތަރައްގީގެ ޕްލޭން ކުރިއަށް ގެންދިޔުމަށް ކުރެވިގެންދާ ކަމެއް. މިބައްދަލުވުންތައް ލައިވްވެސް ކުރާނަށް.ރައްޔިތުންނަށް ފުރިހަަމަ ފުރުސަތު ލިބިގެންދާނެ. ބޭނުންވާ ހުރިހާ ވާހަކަ އެއް ދެއްކޭނެ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ:

  • މާލޭގެ ބިން ބޭނުން ކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދުން.
  • ވިލިމާލޭގައި އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލު ކުރުމަށް މަސައްކަތް ކުރުން.
  • ގުޅިފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލު ކުރަން ތަރައްގީކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުން.
  • ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ހިތްފަސޭހަ މަންޒިލުތަކަކަށް ބަދަލު ކުރުންޕާކްތައް މަރާމާތުކޮށް އިތުރު ޕާކްތައް ހެދުން.
  • މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމުކުރުން.