އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ދެކޮޅަށް ދެތުވުމުގައި ދެކި ވާހަކަތަކަށް ތާއީދުކޮށް އެޕާޓީގެ ޒުވާނުންގެ ހިތްވަރުން ބަޔާނެއް ނެރެފި އެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ބޮލާލައި ނުޖެހުމަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

އެމްޑީޕީއިން އަބަދުވެސް ވަކާލާތު ކުރަމުން އައިސްފައިވަނީ އަނިޔާވެރިކަމާއި ދެކޮޅުވުން ކަމަށާއި މިކަން ކުރެވޭނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލު ފާސްކޮގެން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް ޕާޓީގެ ޒުވާނުންގެ ހިތްވަރުން ދެކޭކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުމެވެ. މިގޮތުން 2018 ގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދެވެ." ޒުވާނުންގެ ހިއްވަރުގެ ނޫސްބަޔާނުގައި ވެއެވެ.

އެގޮތުން ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް, ޕާޓީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެން ކަމަށާއި، އެކަން ހާސިލުކުރުމަށް ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް ޕާޓީގެ ޒުވާނުންގެ ހިތްވަރުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމީހުންގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކަވުންދާއިރު އެބިލު ސަރުކާރުން ފާސްކުރުމަށް މަސައްކަތް ނުކުރާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާ ތާއިދު ކުރެވެން ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ގޮތުން ރައީސް ސޯލިހާ އެކު މަސައްކަތް ކުރެވެން ނެތް ކަމަށާއި އެމްޑީޕީން އައު ކޯލިޝަނެއް ބޭނުންވާ ކަމަށް ވެސް އެ ޕާޓީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ޕީޕީއެމްގެ އެހީތެރިކަން ހޯދަންޖެހިދާނެ ކަމަށް ވިދާޅުވެފައިވާއިރު ޕީޕީއެމްއިން ބުނެފައި ވަނީ ރައީސް ނަޝީދުގެ ވިސްނުމާއި އެޕާޓީގެ ވިސްނުމާއި ތަފާތު ކަމަށެވެ. ރައީސް ނަޝީދު އާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޒުވާނުންގެ ކުރިމަގު ރަނގަޅުވާނީ "ނަފްރަތް"ބިލު ފާސްވެގެން ކަމަށް އެމްޑީޕީގެ މަދު ޒުވާނުންތަކެއް ބުނި ނަމަވެސް ރާއްޖޭގެ ގިނަ ޒުވާނުން ދަނީ މިބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މިބިލުގެ ސަބަބުން އަންނަ އޮތް ޒީލު ހަލާކުވެގެން ގޮސްދާނެ ކަމަށް ވެސް ޒުވާނުން އަންނަނީ ބުނަމުންނެވެ.