ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު އަމަލު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވުމުން ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ މެމްބަރު އަސްލަމާ ދެކޮޅަށް ނިކުތުމުން އަސްލަމް ޕާޓީއަށްވީ ގުރުބާނީތައް އެމްޑީޕީގެ ކުރީގެ ޗެއާރޕާޝަން ރީކޯ މޫސާ މަނިކު ހަނދާކޮށް ދެއްވައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ އެމްޑީޕީއަށް ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްކަން ހަނދާކޮށްދެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެވެ.

ރީކޯ މޫސާ، އަސްލަމް ދިފާއު ކުރައްވާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ އަސްލަމަކީ ކެތްތެރިކަމާއެކު އެމްޑީޕީއަށް ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އަސްލަމަށް ގައުމުގެ ނައިބު ރައީސްކަން، ޕާޓީގެ ނައިބު ރައީސްކަން، މަޖްލިސްގެ ރައީސްކަން، ޕީޖީ ލީޑަރުކަން ދޭން ވައުދުވުމަށްފަހު، ޕާޓީގެ ވިރާސީ ވިންގުން ބަޔަކު އަސްލަމް ފެއިލްކޮށްލީ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އަސްލަމާމެދު އެގޮތަށް ކަންކަން ކުރި ފަރާތްތަކުން މިއަދު އަސްލަމަށް "ކީއްކުރަންތޯ" އޭ މިއުޅެނީ ވިދާޅުވެ، މޫސަ ވަނީ ސުވާލު އުފައްދާފަ އެވެ.

މީގެ އިތުރުން މޫސަ ކުރެއްވި ޓުވީޓްގައި ވިދާޅުވީ އަޑީ ދައުލަތެއް އުފެއްދުމުގެ ސިފަތައް އެމްޑީޕީގެ ތެރެއިން ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބަޔަކު ޕާޓީން ބޭރުކުރުމާއި، އެމްޑީޕީއަށް ލިބުނު ހުރިހާ ފައިސާއެއް ވަކި މީހަކަށް ހޭދަކޮށް، ޑިމޮކްރަސީ ގެނަމުގައި އެމްޑީޕީގެ ވެރިކަން ޚުދުމުޚްތާރުކޮށް، ވިރާސީ ރަސްކަމަކަށް ބަދަލުކުރުމަކީ އަޑީ ދައުލަތެއް އުފެއްދުމުގެ ސިފަތައްކަމަށް މޫސަ ވިދާޅުވި އެވެ.

ރީކޯ މޫސާ މަނިކު އަންނަނީ ރައީސް ސޯލިހަށް ތާއީދުކޮށް ވާހަކަތައް ދައްކަމުންނެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރު ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވަމުންނެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް މަސައްކަތް ކުރަމުން އަންނަކަން ހާމަވެގެން ދިޔައީ އެމްޑީޕީގެ ރައީސް ނަޝީދު، ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ވިދާޅުވި ހިސާބުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާއާއި ގުޅިގެން ސަރުކާރުން މާ ބޮޑު ކަމެއް ނުކުރައްވާ ކަމަށާއި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ނަފްރަތު" ބިލު ފާސްކުރުމަށް ފަހަތު ފަޔަށް ބުރަވާނަމަ ސަރުކާރަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އަންނަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ހަމަ އެފަދައިން ރައީސް ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ ސަރުކާރު ދިފާއުގައި ގިނަ މަސައްކަތްތަކެއް ކުރަވަމުންނެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ ވިސްނުމާއި ދުރަށް ގޮސްފައިވާ ކަމަށް ރައީސް ނަޝީދު އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވިއަސް އެކަމަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ. އެމެމްބަރުން ވިދާޅުވީ މިއުޅެނީ ސިޔާސަތުގެ މައްސަލައެއް ނޫން ކަމަށާއި މިއީ ވެރިކަމުގެ ނިޒާމަށް ބަދަލު ނުގެނެވިގެންވީ ގޮތެއް ކަމަށެވެ.