ސިޔާސީ ދާއިރާގައި އެންމެ ތަޖުރިބާކާރު ބޭފުޅަކާ މެދުގައި ހިޔާލު ތަފާތުވެ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމާއި މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާ ދެ ބޭފުޅުން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި ދެ ފެކްޝަނެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ ވަގުތެއްގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރެވެން ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާ މެދުގައި ހިތްހަމަނުޖެހޭ ކަމަށާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ގެ ބިލް ފާސްކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާނަމަ ރައީސް ސޯލިހުގެ ސަރުކާރަށް ތާއީދެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މިއާއެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން އަންނަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނަށް ބަހުގެ ހަމަލާތަކެއް ދެމުންނެވެ.
މި ބަހުސްގެ ތެރެއިން އެމްޑީޕީ އެކްޓިވިސްޓްއަކު ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ސިޔާސީ ގޮތުން ހަރުދަނާ ތަޖުރިބާއެއް ހުންނެވީ ރައީސް ސޯލިހުގައި ކަމަށެވެ. އެމަނިކުފާނުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަން ވެސް ބޮޑު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ޑީއާރުޕީން ރޮޒައިނާ ސިޔާސީ ހަޔާތް ފަށާފައިވާއިރު އެމްޑީޕީގެ އެކްޓިވިސްޓުން އެކަމާ ގުޅުވައިގެން ރޮޒައިނާއަށް ފާޑުކިޔާތީ އެކަމަށް ރައްދު ދެއްވާ އޭނާ ވިދާޅުވީ ޑީއާރުޕީގައި ކުރިން އުޅުނު ބައެއް ފަރާތްތަކުން ނަޝީދު ކޮޅުގައި ހުންނަވާތީ އެމްޑީޕީ މެންބަރަކަށްވާ ކަމަށެވެ.
ރޮޒައިނާ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށް ބެލެވެ އެވެ. އާޒިމް ވެސް ފުރަތަމަ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އޭނާ މިހާރު ހުންނެވީ ނަޝީދު ފެކްޝަންގަ އެވެ.
މެމްބަރު ރޮޒައިނާ ވާހަކަތަކަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރޮޒައިނާއަކީ ރައީސް ވަހީދުގެ ވެރިކަމުގައި ވެސް ރައީސް ވަހީދަކީ އެންމެ ވަރުގަދަ ސިޔާސީ ލީޑަރުކަމަށް ހަދައިގެން އުޅުނު މީހެއް ކަމަށެވެ. ނަމަވެސް ވަހީދުގެ ވެރިކަން ނިމުމާއެކު ވަހީދަކީ ނެތް މީހަކަށްވެ، ރޮޒައިނާ އަނެއްކާ ވެސް ކޮޅު ބަދަލުކޮށްފައިވަކަމަށް ވަހީދު ވިދާޅުވި އެވެ.
"ހަމަ ވެރިކަން ނިމުމާއިއެކު ހަރުދަނާ ކަން އެ ދިޔައީތޯ؟" ވައްޑެ ރޮޒައިނާއަށް ރައްދު ދެމުން ސުވާލެއްކުރި އެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަން މެދުގައި ކޮންމެ ދުވަހުގެ ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރެވެމުންނެވެ. މިގޮތުން ރޮޒައިނާއަކީ ރައީސް ސޯލިހުގެ ފެކްޝަނުގައި ސޯޝަލް މީޑިއާގައި ރައީސް ސޯލިހު ދިފާއުގައި އެންމެ ގިނައިން ވާހަކަ ދައްކަވާ މެމްބަރެވެ. ރައީސް ނަޝީދުއަށް ވަފާތެރި ވައްޑެ އަންނަނީ ރައީސް ނަޝީދުގައި ދިފާއުގައި ސޯޝަލް މީޑިއާގައި ދެކެވޭ އެކި ވާހަކަތައް ރައްދުދެމުންނެވެ.
ހިޔާލުފޮނުވިޔަސް ޝާއިއުނުރާނެ
ރުޒޭބުނީ ހަމަރަނގަޅަށް އަންނިއަކީ ވެރިކަމަށް އެއްވެސް އުރަތްޕެއް ހުރި‘މީހެއްނޫން އަނގަޢެއް އޮތީމާ ދިވެހި ރަށްޔިތުންނަށް އޮޅުވައިލައިގެން ނަނާހުވަފެންތަށް ދައްކައިގެން ހަރުކަށި ފިކުރު މިރާއްޖޭގައި އުފަށްދައިގެން ވެރިކަމަށް އާދެވުނީ ރުޒޭނާމުމެން ޑީއާރްޕީގައި ތިބިއިރު އެކަން ވަރަށް ރަނގަޅަށް ދަންނާނެ ވަރަށް ވަރަށް ސާފް އިނގޭތޯ