ދީނަށް ފުރައްސާރަކުރުމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ފާޅުގައި ތެދުވާންޖެހޭ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 57 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަޞްރަކީ ރާއްޖޭގެ ރައްޔިތުން މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާ ކަމަށެވެ.

އިސްލާމް ދީނަކީ، ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމަށް ދެކިގެން، އެ ވިސްނުން ފަތުރައި އާންމު ކުރަން ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއްކަމަށެވެ. އަދި ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި، ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ދެ ކަމަކީ ވެސް އެއްވެސް ހާލެއްގައި ދިވެހި މުޖުތަމައުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާއީ ދެ މައްސަލަ ކަމަށެވެ.

"އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ އަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް. އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި، ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ އަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް. އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި، ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން،
ރައީސް ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުން، ވަކިން ހާއްސަކޮށް ބައެއް އިސްލާމީ ގައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ، ހަރުކަށި ފިކުރީ އޮއިވަރަށް އެ ގައުމުތަކުގައި ޖާގަ ދީފައި އޮތުން ކަމަށެވެ. މިކަމުގެ ސަބަބުން އެގައުމުތަކުގެ މިނިވަން ގެއްލިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ދެ މައްސަލައިގެ އޮތް ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫން ކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށެވެ. އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި، ކުދިން ތަރުބިއްޔަތުކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން، ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެވެސް ދުވަހަކުން އަނެއްކާ ވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން ތައުލީމީ ނިޒާމުގެ ތެރެއިން، މިކަން ހައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.