ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރި ބަޔަކު ނެތް ކަމަށް ބުނުމުން ބުއްދި ގަބޫލުނުކުރާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ މިއީ ފައިސާ ދީގެންކުރުވި ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ހިޔާލުތަފާތުވުމުގެ ރުޅީގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. ނަމަވެސް މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށް ވާތީ ފައިސާއާ ގުޅުން ހުރި ކަންކަން ބަލަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ހަމަލާ ދިނީ ފައިސާ ދީގެން ކަމަށް ނުބެލެވުނު ނަމަވެސް މި ހަމަލާއާ ގުޅިގެން ސައިކަލް ގަންނަން 18،000 ރުފިޔާ އާއި އެޕާޓްމަންޓެއް ކުއްޔަށް ހިފައި ހަރަދުކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ފުލުހުން ހާމަކުރި މައުލޫމާތާ ގުޅިގެން މެމްބަރު ބޮންޑޭ ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެކި ކަހަލަ އޮޅުވާލުންތަކުގައި ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުން އަތުލާފައިވާއިރު މި ފައިސާތައް ގެންދިޔަ ބަޔަކު ނުހޯދި ބޮން ގޮއްވަން ފަންޑުކުރި ފަރާތެއް ނެތޭ ބުނުމަކުން ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކި ސްކޭމްތަކުން މަކަރާ ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާއިރު މިފައިސާތައް ގެންދިއަ ބަޔަކު ނުހޯދި ބޮން ގޮއްވަން ފަންޑުކުރިފަރާތެއް ނެތޭ ބުނުމަކުން ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ!" ބޮންޑޭ ވިދާޅުވި އެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ލިބުނު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އެކުވެރިޔަކު އޭނާއަށް ހިއްސާކުރި މައުލޫމާތުގައި ފައިސާ ވާހަކަ އައިސްފައިވާތީ އެކަމަށް ބެލިބެލުމުން އެކަމާއި މިހަމަލާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"މިހާތަނަށް ސީދާ ގޮތުން އެ މައުލޫމާތާއި މި މައްސަލާގައި މި ހަމަލާ ދިން މީހުންގެ އަމަލާ ސީދާ ގޮތުން ގުޅުވޭނެ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ރިޔާޒް ވިދާޅުވި އެވެ.