ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާނެ އިތުރު އުއްމީދެއް ނެތުމުގެ ސަބަބުން ރައީސް އަބުދުﷲ ޔާމީނަށް ކުރާ ތާއީދު އިތުރުވަމުން އަންނަ ކަމަށް ޕީޕީއެމްގެ ނާއިބް ރައޫސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ "މަވެސް ޕީޕީއެމް" ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއަށް ސޮއި ކުރަމުންދާކަން ފާހަގަ ކުރައްވަމުން މަޖިލީހުގެ ނައފަރު ދާއިރާގެ މެމްބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްއާއި ގުޅެމުންދަނީ މިސަރުކާރާމެދު ރައްޔިތުންކުރާ އުންމީދެއް ނެތުމުން ކަމަށެވެ.

ޕީޕީއެމްއަކީ ރާއްޖޭގެ ރައްޔިތުންނަށް އޮތް އުންމީދުކަން ގަބޫލުކުރާ ކަމަށާއި ރައީސް ޔާމީން އަށް އޮންނަ ތާއީދު އިތުރުވަމުން އަންނަ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

"ރައީސް ސޯލިހުއާ ދޭތެރޭ ރައްޔިތުން އިތުރަށް ކުރާނެ އުންމީދެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްއިން ބުނެފައި ވަނީ "މަވެސް ޕީޕީއެމް" ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދާއިރު އެ ޕާޓީއަށް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް 10،000 ހަމަކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތަކީ، ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ރިޔާސަތަށް ގެނައުމަށްޓަކައި ކުރާ މައްސައްކަތްތަކަށް އިތުރު ފޯރިޔަކާ ޖޯޝެއް ގެނައުމަށް އަންހެނުންގެ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ފެށި ހަރަކާތެއް ކަމަށް އެ ޕާޓީން ބުނެ އެވެ.