މާލެގައި އަލަށް ތައާރަފުކުރާ ޕާކިން ސިސްޓަމާއެކު، މީޓަރު ޕާކިން ހޯދައި އެ ބަހައްޓައިދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މީޓަރު ޕާކިން ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 19 ވަނަ ދުވަހުގެ 10.00 އާ ހަމައަށް އެ ކައުންސިލުގެ ޕްރޮކިއުމެންޓް ސެކްޝަނުން މައުލޫމާތު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މައުލޫމާތު އޮޅުން ފިލުވުމަށްފަހު މި މަސައްކަތްކުރާނެ އަގުތައް ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ރާއްޖެއަށް އަލަށް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ މީޓަރު ޕާކިން ނިޒާމަކީ ދުނިޔޭގެ އެހެން ގައުމުތަކުން ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ.

މި ނިޒާމު މާލެއަށް ތައާރަފުކުރެވުމުން މާލެ ސަރަހައްދުގެ ޕާކިންއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ސިޓީ ކައުންސިލުން ގެންދަނީ މާލެ ސަރަހައްދުގައި މިހާރު ވެސް ޕާކުކުރާނެ ސަރަހައްދުތައް ތަރައްގީކުރަމުންނެވެ.

އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކިން ޒޯނުތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އެ ފުރުސަތު ވެސް ސިޓީ ކައުންސިލުން ހުޅުވާލައިފަ އެވެ.