ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ޕާކިން ބިލްޑިން އެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގަ އެވެ.

މިއަދު މޭޔަރާއި، ހުޅުމާލެ ދާއިރާގެ ސިޓީ ކައުންސިލަރު ވަނީ ހުޅުމާލޭގައި ޕާކިންއަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް ވަޑައިގެން ބިން ބައްލަވާލައްވާފަ އެވެ.

އެ ސަރަހައްދު ބަލައްވާލެއްވުމަށް ފަހު މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ހުޅުމާލޭ މަގުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކާއި، ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކު ކުރުމަށްޓަކައި މަދުވެގެން 500 ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިން އެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ޕާކިން ބިލްޑިން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެއިން މާލޭ ސިޓީ ކައުންސިލަށް ކުރީ ކައުންސިލުން ހޯދާފައިވާ ބިމުގައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ހުޅުމާލޭ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ސުޖާއު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޕާކިން ބިލްޑިންއާއެކު ހުޅުމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތައް ކޮންމެ ފުލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ހުޅުމާލެ ރައްޔިތުންނަށް ހާއްސަ ޕާކިން ބިލްޑިންގެއް ތަރައްގީކުރުމަށް ނިންމާފައިވާއިރު ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް ވެސް މާލޭ ސިޓީ ކައުންސިލުން ވަނި ތަރައްގީ ކޮށްފަ އެވެ. އެގޮތުން، މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާނުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ވިލިމާލެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނެއް ވަނީ ތައްޔާރު ކޮށްފަ އެވެ.