ދިވެހިން މިއަދު މިދެކޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެން ގޮސްފައި ވަނީ އުއްމީދު ނަގާ ނުލައި، ބިރު ފަހަނަޅައި ގޮސް، އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް 2004 ވަނަ އަހަރުގެ އޮގަސްޓް 13،12 ވަނަ ދުވަހުގެ އިހުތިޖާޖަށް 17 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެމްޑީޕީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރަށް ފާޑުކިޔުމާއި އަނިޔާވެރިކަމަށް ދެކޮޅުހަދައި އެއްވެއުޅުމާއި ބަސް ބުނުމުގެ ހުރިހާ ފުރުސަތެއް ބަންދުކޮށްފައި އޮތް، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގެ ތެރެއިން ފުރަތަމަ ފަހަރަށް ގިނަ އަދަދަކަށް އެއްފަހަރާ ރައްޔިތުން ނުކުމެ އަޑުއުފުލި ހާދިސާއަށް 17 އަހަރު ފުރުން، އެ ޕާޓީއިން އަބަދުވެސް ފާހަގަކުރާ ކަމަށެވެ.

އޯގަސްޓް12، 13، 2004، ގައި ޖުމްހޫރީ މައިދާނަށް ސުލްހަވެރިކަމާއެކު ގިނަ އަދަދަކަށް ރައްޔިތުން އެއްވެފައި ވަނީ، ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ގައިދީން މިނިވަންކުރުމަށާއި، ރާއްޖޭއަށް އިސްލާޙީ ބަދަލުތަކާއި ޑިމޮކްރެސީ ގެނައުމަށް ސަރުކާރަށް ގޮވާލުމަށް ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ އޭރުގެ ތަރުޖަމާނު އަދި ފަހުން އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެ ދުވަސް ސިފަކުރެއްވީ ސަރުކާރާ ދެކޮޅަށް ހިންގި ބަޣާވާތެއްގެ ގޮތުގަ އެވެ.

އޯގަސްޓް 13،12 އަކީ ރައްޔިތުން މިގޮތަށް އެންމެ ގިނަ އަދަދަކަށް އެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވަމުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މި ސުލްޙަވެރި އެއްވުން ދެމިގެން ދަނިކޮށް ސަރުކާރުން އޯޑަރުކޮށްގެން ކުއްލިއަކަށް ހަތިޔާރުއެޅި ސިފައިން ނުކުމެ، އެއްވެފައި ތިބި މީހުންނާ ދިމާލަށް ދުއްވައިގަނެ އެމީހުންގެ ގައިގާ މުގުރުންނާއި ބޫޓުން ތަޅައި، ކަރުނަ ގޭސް ޖަހައި، އެ އެއްވުން އަނިޔާވެރިގޮތަކަށް ރޫޅާލައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޖަލަށްލުމަށްފަހު ވެސް އަނިޔާކޮށްފައިވެ އެވެ. މީގެ ތެރޭގައި އަންހެނުންނާއި ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން މި އެއްވުމާ ގުޅިގެން ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ މިނިސްޓަރު އިބްރާހިމް ހުސައިން ޒަކީ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ފަދަ ބޭފުޅުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި މި ހާދިސާ ހިނގިއިރު މިހާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގައި ނޫޅުއްވަ އެވެ. ރައީސް ނަޝީދު މާލެ ވަޑައިގަތީ މި ހާދިސާއަށް ފަހު އެވެ.

މި ހާދިސާއާ ގުޅިގެން، ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް، އަސާސީ ހައްގުތައް އިތުރަށް ހިފެހެއްޓުމަށް ސަރުކާރުން ފުރުސަތު ހޯދާފައިވާ ކަމަށާއި، އެހެން ޚުދުމުހުތާރު ގައުމުތަކެކޭ އެއްފަދައިން، ދައުލަތުގެ މީޑިއާއިން ސަރުކާރުގެ ޕްރޮޕަގެންޑާ ފެތުރުން ކުރިއަށް ގެންގޮސްފައިވާއިރު، އެނޫން ޚަބަރުތައް ފެތުރުން ހުއްޓުވައި އިންޓަނެޓާއި އެސްއެމްއެސްގެ ޚިދުމަތްތައް ސަރުކާރުން ކަނޑާލާފައިވާ ކަމަށެވެ.

އިސްލާމީ އަދި ޑިމޮކްރެސީގެ އުސޫލުތަކާއި ސިޔާސީ އަދި ފަރުދީ މިނިވަންކަމާއި އަސާސީ ހައްގުތަކާއި، ދިރިހުރުމުގެ ހައްގުގެ މައްޗަށް އެކުލެވޭ ގާނޫނުއަސާސީ އެއް 2008 ވަނަ އަހަރު ހޯދިފައިވާއިރު، އަދި މި އަސާސްތަކުގެ މައްޗަށް ބިނާވެ، އަށަގެނެ، އަޙުލުވެރިވެފައިވާ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގައި ދައުލަތާއި ރައްޔިތުން އަބަދުމެ ސާބިތުކަމާ އެކު ތިބުމުގެ މުޙިއްމުކަން ބޮޑުކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.