މާލޭ ސިޓީގެ ގޯތިގެދޮރާބެހޭގޮތުން ވާހަކަދެއްކުމަށް ރައްޔިތުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޖައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ހެންވޭރު ރައްޔިތުންނާ މުޚާތަބުކުރައްވައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ގޯތިގެދޮރާބެހޭގޮތުން ވާހަކަދެއްކުމަށް ރައްޔިތުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަވަން ހަމަޖެއްސެވި ކަމަށާއި މި ބައްދަލުވުން މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަޙައްދުގައި އޮންނާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން މިހާތަނަށް އެންމެ ގިނަ މަސައްކަތް ކުރެވިފައިވާ އެއްކަމަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހަމަޖެއްސުން ކަމަށެވެ. އެހެންނަމަވެސް މި މަސައްކަތްތަކަށް ސަރުކާރުން އެދެވޭގޮތުގައި މިހާތަނަށް އެއްބާރުލުން ލިބިފައިނުވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މަންޒިލެއްކަމުގައި ހެދުމަށް ހުއްޓުމެއްނެތި މަސައްކަތްކުރުމަށް ކައުންސިލްގެ ސްޓްރަޓެޖިކް އެކްޝާން ޕްލޭންގައި ހިމަނައި މިހާތަނަށް ކަމާބެހޭ ފަރާތްތަކަށް މިކަން ހުށަހަޅައި، ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުވުންތަކުގައި ވެސް މޭޔަރު ވަނީ މިކަން މިގޮތަށް ހަމަޖެއްސުމަށް ހުށަހަޅުއްވާފަ އެވެ. މިކަންކަން ބަޔާންކުރައްވައި ސިޓީތައް ވަނީ ފޮނުވައިފަ އެވެ.

ސިޓީ ކައުންސިލްގެ ފަރާތުން ބާއްވަމުން ގެންދާ ވަވަށު ބައްދަލުވުންތަކުގައި، ރައްޔިތުން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް ބިމާއި ގޯތިގެދޮރުގެ ވާހަކަތަކެވެ. މާލޭ ރައްޔިތުންގެ އެތައް ހައްގެއް މިކަމުގައި ގެއްލިފައިވާކަން ރައްޔިތުންވަނީ ހާމަކޮށްފަ އެވެ.

ހެންވޭރުގައި މުޅި މާލޭ ސިޓީއަށް ހުޅުވާލައިގެން ގެދޮރުގެ ވާހަކަދެއްކުމަށް ބާއްވާ ބައްދަލުވުމުގައި ގެދޮރުގެ މައްސަލާގައި ދިމާވެފައިވާ ދަތިގޮތްތައް ހާމަކޮށް ޝުޢޫރުތައް ފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.