މޭ ހަ ވަނަ ދުވަހުގައި އެމަނިކުފާނަށް ދިން ހަމަލާ ރާވާއި ހިންގި މީހުން ހައްޔަރު ނުކުރަނީ ރާއްޖެއަށް އަނބުރާ ވަޑައިގަތުމަށް ޖެހިލުންވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގަ އެވެ. މިއަދުގެ ޖަލްސާގައި އެސިޓީ ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ވަނީ އިއްވާފަ އެވެ.

ރައީސް ނަޝީދުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ އެ ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ "ނުރުހިގެން" ފޮނުވާ ސިޓީއެއް ނޫންކަމަށާއި މިއީ މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިހުލާސްތެރިކަމާ އެކު ދަންނަވާ ދެންނެވުމެއް ކަމަށެވެ.

އިތުރަށް އެމަނިކުފާނު ފާހަގަކުރައްވާފައިވަނީ މޭ ހައެއްގައި އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

"އެ ތަހުގީގު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އަޅުގަނޑު ރާއްޖެ ދިއުމަކީ އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑަށް ހެޔޮއެދޭ އެތައް ބަޔަކާއި އަޅުގަނޑުވެސް ޖެހިލުންވާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސިޓީގައި އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ ރާއްޖެއިން ބޭރުގައި އެމަނިކުފާނު ދިރިއުޅުއްވުމަށް ހިތްޚަލާޞް ދިނުމާއެކު، މަޖިލީހުން ޗުއްޓީއެއް ދިނުމަށެވެ. އަދި މަޖިލީހުގެ ނައިބުރައީސް މަޖިލިސް ޤާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށްގެންދަވާނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އަދި ބޭރުގައި ހުންނަވާއިރުވެސް މަޖިލީހާއި ރާއްޖެއަށް ޚިދުމަތްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.