ރާއްޖޭގެ ގާނޫނާ ޚިލާފަށް ފަތުރުވެރިންގެ ނަމުގައި ބިދޭސީން އެތެރެކޮށް އާންމު ތަންތަނުގައި ބޭތިއްބެނީ އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީގެ އިހުމާލުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ހުއްދަ ނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ފަތުރުވެރިކަން ނޫން ކަމަށާއި އެއީ އިންސާނީ ވަގުފާރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންނަށް ހީވެފައި ވަނީ އެ ބޭފުޅުން އަދިވެސް ތިއްބެވީ އިދިކޮޅުގައި ކަމަށެވެ.

މިއީ އެއްވެސް ޒިންމާއެއް އުފުލާނެ މީހަކު ނެތް ވެރިކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ގާނޫނާ ޚިލާފަށް ފަތުރުވެރިންގެ ނަމުގައި ބިދޭސީން އެތެރެކޮށް އާންމު ތަންތަނުގައި ބޭތިއްބެނީ އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީގެ އިހްމާލުން. ސަރުކާރުގައި ތިބޭއިރު ވެސް ހިތަށްއަރަނީ މިތިބެވެނީ އިދިކޮޅުގައި ކަމަށް. މިއީ ޒިންމާ އުފުލާނެ މީހަކު ނެތް ވެރިކަމެއް،" ކުރީގެ ނައިބު ރައީސް ވިދާޅުވި އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވިއިރު ހުއްދަ ނެތް ތަންތަނުގައި ފަތުރުވެރިންގެ ގޮތުގައި އަންނަ މީހުން ބައިތިއްބާކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އޮލުވާލައިގެން ރާއްޖެއަށް ފަތުރުވެރިން ގެނެސް އެ މީހުން މަގުމަތި ކުރި މައްސަލާގައި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން ކަރަންޓީން މަންޒިލެއްގެ ގޮތުގައި އިންޑިއާގެ ގިނަ ބަޔަކު މިދުވަސްވަރު ރާއްޖެ ބޭނުން ކުރަމުން އަންނައިރު ފާއިތުވެދިޔަ ހަފްތާގައި ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެ މީހުން ގިނައިން ތިބެނީ މާލޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ދިއުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ގެތަކުގަ އެވެ.