ގައުމީ މަޖިލީހުގައި ވަޒީރެއްގެ ހައިސިއްޔަތުން އިނދެވިފައި، އެ އިންތިހާބުގައި ވާދަނުކުރެވުނީމާ ހަމައެއް ނުޖެހޭ ކަމަށާއި އެ ހައްގު ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓަރު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ބަލަމުން ގެންދާތީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެ ދެ ބޭފުޅުންނަށް ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީން ނިންމާފައިވާ ނިންމުމަކީ ހަމަޖެހޭ ނިންމުމެއް ނޫންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުން ލިބިދޭ ހައްގެއް ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ވަޒީރަކަށްވެ ހުރެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިންނަވައިގެން ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ޖާގަ ނުދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ/ މަޖިލިސް/ ކައުންސިލް އިންތިޚާބަށް ވެސް ޝަރުތު ހަމަވޭ. ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފަ، ގައުމީ މަޖިލީހުގެ އިންތިޚާބުގަ ވާދަނުކުރެވުނީމަ ހަމައެއް ނުޖެހޭ. ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ. މިހައްގު ހޯދަން މަސައްކަތްކުރާނަން،" މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ އެމްޑީޕީން އަބަދު ވަކާލާތުކުރި، އިންތިހާބުތަކުގަ ވާދަކުރުމުގެ ހައްގާ ދިމާ އިދިކޮޅު/ޑިމޮކްރެސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ނައިބު، ޗެއާޕާސަން އަދި ޕްރައިމަރީތަކަށް ވެސް ޝަރުތުހަމާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވަނީ މި ހިނގާ ކަންކަމަކީ އެމްއެމްޕީއާރްސީއާ ގުޅޭ ކަމެެއް ނޫން، ކަމަށާއި މިއީ ސިޔާސީ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީން މަހްލޫފަށާއި އަކްރަމަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ އެ ދެ ބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.

އޭސީސީން މަހްލޫފުގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މިހާރު ވަޒީރުކަމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ޕީޖީ އޮފީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.