އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭނެ ކަމަށްބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވާހަކަ ދައްކަވަނީ މިހާރު ހިނގަމުންދާ އެމަނިކުފާނުގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ނަންފުޅު ނޯންނާނެ ކަމަށް ބުނެ ސަރުކާރާއި، ރައީސް ޔާމީނުގެ ސިޔާސީ ވާދަވެރިން ދައްކާ ވާހަކަތަކަކީ މިހާރު ސުޕްރީމް ކޯޓުގައި އޮތް ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލައަށް ސީދާ ނުފޫޒު ފޯރުވަން ދައްކާ ވާހަކަ ކަމަށެވެ.

ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ މިބާވަތުގެ ކޮންމެ އަމަލަކާމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި އިންސާފުވެރި ކޮންމެ ޝަރީއަތަކުން ވެސް ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން އެ މަނިކުފާނު ބަރީއަވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 2019 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުގައި އެ ހުކުމުގެ އިސްތިއުނާފު އަޑުއެއްސެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތާއީދުކުރުމާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަވަނީ ހުށަހަޅާފަ އެވެ. އަންނަ ސެޕްޓެންބަރު މަހަށް އެ މައްސަލައިގެ ދެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ އިސް ފަރާތްތަކާއި މިސަރުކާރަށް ތާއީދު ކުރައްވާ ގިނަ ބަޔަކު އަންނަނީ ރައީސް ޔާމީނަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބުނަމުންނެވެ.