އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވިގެން ނުވާނެ ކަމަށް އުނގޫފާރި ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީ އިން ރިޔާސީ ޕްރައިމަރީއަކަށް ދާނެބާ، ނުދާނެބާ" މި ނަމުގައި ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު މެމްބަރު ވައްޑެ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އިންތިހާބީ މަގާމުތަކަށް މީހުން ހޮވާ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެއީ އާންމު މެމްބަރުންގެ ވޯޓަކުން ކަމަށެވެ.

އެގޮތުން އެ ނޫން ގޮތަކަށް ރިޔާސީ ޓިކެޓު ވެސް މަޖިލިސް މެމްބަރު ކަމުގެ ޓިކެޓު ވެސް އަދި ކައުންސިލަރުގެ ކަމުގެ ޓިކެޓު ވެސް ލިބިގެން ނުވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ. އަދި އެ ނޫން ގޮތަކަށް ޓިކެޓް ދިނުމަށް ތާއީދު ވެސް ނުކުރައްވާނެ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

މީގެ އިތުރުން ވައްޑެ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ރިޔާސީ ޓިކެޓް ދިނުމުގައި އަމަލު ކުރާ ގޮތާމެދުގައި މީގެ ކުރިން މަލާމަތް ކޮށްފައިވާނެ ކަމަށާއި އެ މަގުން އެމްޑީޕީ ގޮސްފިނަމަ ޕާޓީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ކިލަނބު ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަލާމަތް ކުރީން ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް ޓިކެޓް ދިނީމަ. އެކަން އެމަގުން ކޮށްފިނަމަ އެމްޑީޕީގެ ތަސައްވުރު ވަރަށް ބޮޑަށް ކިލަނބު ވެގެން ދާނެ،" ވައްޑެ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އާމިރު އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

ވައްޑެ މިހެން ވިދާޅުވީ ޕްރައިމަރީއަކާ ނުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވާއިރު އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ރައީސް ސޯލިހު މިހާތަނަށް އިއުލާން ކުރައްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ހުރި ފަދަ މޭރުމަކުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އެ ފުރުސަތު އެމަނިކުފާނަށް ބަންދުވެފައިނުވާ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.