އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ހުރިހާ ކެނޑިޑޭޓުންނަށް ތާއީދެއް ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދު ލިބިގެންދާނެ ކަމަށެވެ.

"އެމްޑީޕީގެ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ހުރިހާ ކެނޑިޑޭޓުންނަށް އަޅުގަނޑު ތާއީދުކުރަން،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ގްރޫޕްގައި ވެސް އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންފައި ވީނަމަވެސް އެ ޕެޓިޝަނަށް ލިބެމުން އަންނަނީ ފިނި ތަރުހީބެކެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހު 25 ގަ އެވެ. އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ވެސް މިހާރު ވަނީ އާންމު ކޮށްފަ އެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމެވި ކެންޑިޑޭޓުންނަށް ވަނީ ރަސްމީކޮށް އެކަން އަންގާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ ކަންކަން ނިންމުމަށް މަޝްވަރާ ހޯދައި އެންމެ ފަހު ބަސް ބުނާ މަޖިލީހެވެ.