ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމައު މުޢިއްޒު އެވެ. ޕެޓިޝަން ޙަވަލުކުރެއްވީ ހުޅުމާލޭގެ ރައްޔިތެކެވެ.

ޕެޓިޝަން ޙަވާލުކުރުމަށް ފުރުޞަތު ހޯދުމަށް ވާހަކަދައްވަމުން އެފަރާތުން ވިދާޅުވީ މި ބައްދަލުވުމުގައި ހުށަހެޅުމަށް ޕެޓިޝަން ތައްޔާރުކުރީ މިކަންކަން ބަދަލުކުރުމަށް ރައްޔިތުން އެދޭތީކަމަށެވެ. މިކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަކުރައްވައި އޭނާ ވިދާޅުވީ މިކަމުގެ ފުރުޞަތު ހުޅުވާލައި 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ހިޔާލު ފާޅުކުރި ގިނަ ރައްޔިތުން ބުނެފައިވަނީ އެޗްޑީސީގެ ދަށުން މުނިސިޕަލް ޚިދުމަތް ވަކިކޮށް ސިޓީ ކައުންސިލަށް ޙަވާލުކުރަންޖެހޭކަމަށެވެ. އެގޮތުން ބައެއް ރައްޔިތުންނަށް ފެންނަ ގޮތުގައި މިހިނދުން މިހިނދަށް މި ޚިދުމަތް ބައްދަލުވާން ޖެހޭނެ ކަމަށް ވެސް ހިޔާލު ހުށަހެޅި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިހާރު އޮތް ގޮތުން ދިވެހި ރައްޔިތުންނަށް ނެތް ފުރުސަތުތަށް ބިދޭސީންނަށް ހުޅުމާލޭގައި ލިބިގެންދާކަން ރައްޔިތުން ފާހަގަކުރި އެވެ. އަދި ޢާއްމު ދިރިއުޅުމުގައި ޢާމްދަނީ އިތުރުކޮށްލަން ކުރަންޖެހޭ ހެދިކާ ވިއްކުން ފަދަ ބައެއް މަސައްކަތްތަކާ އަދި ގަސް އިންދުން ފަދަ ބައެއް މަސައްކަތްތައް ކުރުމުން އެޗްޑީސީގެ ފަރާތުން އެކަން މަނާކުރާކަމާ، ބިދޭސީން ގަވައިދާ ޚިލާފަށް ކޮންމެ ވިޔަފާރިއެއް ކުރި ނަމަވެސް އެކަން މަނާކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން ކައުންސިލެއްގެ ދަށަށް ގޮސްގެން ނޫނީ ރައްޔިތުންނަށް ރނގަޅު ގޮތްތައް ނެތްކަން ފާހަގަކުރި އެވެ.