ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ހީނަރު ވެފައިވާ މިދަނޑިވަޅުގައި 150 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަކީ ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝަރީފު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ސޯލިހަށް ގޮވާލާ ޕެޓިޝަނެއް ހުށައެޅުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދު ނާޒުކު ހާލަތެއްގައި އޮތް މިދަނޑިވަޅުގައި ޤައުމަށް ހެޔޮއެދޭ ބަޔަކު 150 މިލިޔަން ރުފިޔާ ޚަރަދުކޮށް ބަރުލަމާނީ ނިޒާމުގެ ވޯޓު ނެގުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި މިހާލަތުގައި ރައްޔިތުން އަތާއި އަނގަޔާއި ދިމާނުވެގެން އުޅޭއިރު، ދައުލަތުން އިތުރު ޚަރަދުތަކެއް ކޮށްގެން ނިޒާމީ ވޯޓު ނެގުމަކީ ބޭކާރު ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ސިއްހީ ބޮޑު ކާރިސާއަކުން އަރައި ނުގަނެވި ހިންދެމިނުލެވި އޮއްވައި، ރައްޔިތުން އަތާއި އަނގަޔާއި ދިމާނުވެ ތިއްބާ، ޤައުމަށް ހެޔޮ އެދޭބަޔަކު ދައުލަތުން 150 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ނިޒާމީ ވޯޓު ނަގަން އުޅެފާނެބާ،" ރައީސް ނަޝީދުއަށް އަބަދުވެސް ފާޑުވިދާޅުވާ މެމްބަރު ޝަރީފު ވިދާޅުވި އެވެ.

ބަރުލަމާނީ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު އެދިވަޑައިގަތްފައިވާއިރު މި ޕެޓިޝަނުގައި މިހާތަނަށް މަޖިލިސް މެމްބަރުންގެ ތެރެއިން ސޮއި ކޮށްފައިވަނީ 13 މެމްބަރުންނެވެ. ނަމަވެސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 65 މެންބަރުން ރައްޔިތުންގެ މަޖިލީޙުގައި ތިއްބަވަ އެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ނިޒާމް ކަނޑައެޅުމަށް އަލުން އިންތިހާބެއް ބޭއްވުމަކީ އެންމެ ރަގަނޅު ގޮތެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.