އެމްޑީޕީއަކީ ވަޢުދުވެ ވައުދު ފުއްދަން ނޭނގޭ ޕާޓީއެއް ކަމަށާއި އެ ޕާޓީއަށް ވައުދު ނުފުއްދެނީ އަޚްލާގު ދަށްވީމާ ކަމަށް މި ސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކެނޮލިޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ މިނިސްޓަރު މަލީހު މިފަދައިން ވިދާޅުވީ ސަރުކާރުން ވެފައިވާ ހުރިހާ ވަޢުދެއް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ.

މަލީހް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްގެ ތަފާތުވާނެ ކަމަށެވެ. އަދި ޕީޕީއެމް ވައުދުވެ ވައުދު ފުއްދާނެ ކަމަށާއި، އެމްޑީޕީއަށް ވައުދު ނުފުއްދެނީ އަޚްލާގު ދަށްވީމަ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

އާޒިމާއި ސަރުކާރު އިތުރު ބަހަނާ ނުދައްކަވާ އިސްތިއުފާ ދެއްވާ ރައްޔިތުންނާއި ގައުމު ހަވާލު ކުރެއްވުމަށް ވެސް މަލީހު ގޮވާލެއްވި އެވެ.

"އެމްޑީޕީއާއި ޕީޕީއެމްގެ ތަފާތު. އެމްޑީޕީއަކީ ވައުދުވެ ވަޢުދު ފުއްދަން ނޭގޭ ޕާޓީއެއް. ޕީޕީއެމް ވަޢުދުވެ ވައުދު ފުއްދާނެ. އެމްޑީޕީއަށް ވައުދު ނުފުއްދެނީ އަޚްލާގު ދަށްވީމަ. އާޒިމާއި ސަރުކާރު އިތުރު ބަހަނާ ނުދައްކަވާ އިސްތިއުފާ ދެއްވާ ރައްޔިތުންނާއި ޤައުމު ހަވާލު ކުރައްވާ،" މަލީހް ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ދައުލަތުގެ މީޑިއާގައި ވިދާޅުވެފައި ވަނީ ސަރުކަރުން ވެރިކަމާއި ހަވާލުވުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ގިނަ ވައުދުތައް ފުއްދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަންކަމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ކޮވިޑް-19 ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ތެރޭގައި ވެސް ސަރުކާރުން އުންމީދު ވެސް ނުކުރާހާ ރަނގަޅަށް ކަންކަން ކޮށްދެއްވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފުއްދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ވެފައިވާ ގިނަ ވައުދުތައް ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ފުއްދުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ސްޕީޑަށް ބަލާއިރު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދު އެބައޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވި ފަހުން ރާއްޖޭގެ ތަރައްގީގެ ދުވެލި ފަހަތަށް ޖެހިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިއަމުންނެވެވެ.