ކ. ފަސްފަރި ފަރަށް އުރުނު ކާގޯ ބޯޓު "ނާވިއޮސް އާމަލިސް" ދިހަ ދުވަސް ފަހުން މިއަދު ފުންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ ބޯޓު ރަސްފަރި ފަރަށް އެރީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު ކަމަށާއި ޓްރާންސްޕޯޓުންނާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން ބޯޓު ފުންކުރަން ކުރި މަސައްކަތުން މިއަދު މެނދުރު 2:08 ގައި ބޯޓު ފުން ކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އުޅަނދުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައިނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބޯޓުގައި ހުރި ލޯސަލްފާ އައިއެފްއޯގެ ތެރެއިން ޕްލޭންކުރި ގޮތަށް ތިރީ ތާންގީތަކުން އުޅަނދުގެ މަތީ ތާންގީތަކަށް ރައްކާތެރިކަމާއެކު ވަނީ ތެޔޮ ޓްރާންސްފާކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އުޅަނދު ފުންކޮށް، ޕޯޓްސް ލިމިޑެޓް އޭރިޔާގައި ބޯޓު ބަނދަރު ކުރުމަށްފަހު އެކްސިޑެންޓް އިންވެސްޓިގޭޝަން ފަށާފައިވާ ކަމަށެވެ. އަދި އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބަލަން އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ކޯސްޓްގާޑުންކުރާ މަސައްކަތް ވެސް ލަސް ނުވެ ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރަސްފަރި ފަރަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ނިމުމުގެ ކުރިން ކާގު ބޯޓް ރާއްޖެ ދޫކޮށްނުދެވޭނެ ކަމަށާއި ރާއްޖެ ދޫކޮށް ދާނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށް އީޕީއޭއިން ވަނީ އަންގައިފަ އެވެ. މިގޮތަށް އީޕީއޭއިން އަންގާފައި ވަނީ މީގެ ކުރިން މިފަދަ ހާދިސާތަކުގައި ބޭރުގެ ބޯޓުތައް ޖޫރިމަނާ ކުރިއަސް، އެ ފައިސާ ނުދައްކައި ބޯޓުތައް ރާއްޖެ ދޫކޮށް ދާތީ އެވެ.

ތިމާވެށީގެ ގާނޫނު ބުނާ ގޮތުން ފަރަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނީ 100 މިލިއަން ރުފިޔާއިން އެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި ނަވިއޮސް އަމަރިލްސް، ބޯޓު އުރުނީ އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. އެ ބޯޓަކީ ގްރީކް ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ.