ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ދިވެހި ރައްޔިތުންނަށް އެތަކެއް ހިތްދަތިކަމެއް ކުރިމަތިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް ޝިޔާމް ވިދާޅުވީ ރައީސް ޔާމީނު ޖަލަށް ލުމަށް ހުކުމްކުރެއްވި ފަނޑިޔާރުންނަށް މިއަދު ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތާމެދު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުރި ހުކުމުގެ އަނިޔާ ލިބެނީ އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއަށް އެކަނި ނޫން ކަމަށާއި އެހުކުމުގެ ހިތްދަތި ތަޖުރިބާ މިއަދު މުޅި ދިވެހި ގައުމު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެބޭފުޅުން ދައްކަވާފައިވާ ވާހަތަކުން މިއަދު އެތައް ސުވާލެއް ދިވެހި ރައްޔިތުން ހިތުގައި އުފެދެމުންދާ ކަމަށެވެ.

ފަނޑިޔާރުންގެ ހުކުމުން ނުކުތް ނަތީޖާތައް ވިދާޅުވެދެއްވަމުން ޝިޔާމު ފާހަގަކުރެއްވީ އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް، ގައުމުގެ ހަރުމުދާތަކާއި، ފަޅުތަކާއި ރަށްތައް ވިއްކަމުން ދިއުމާއި، އަޑިނޭނގޭ އެގްރީމަންޓްތައް ހަދަމުންދާ ކަމަށެވެ. އަދި މިކަންކަމަކީ ހުކުމް ކުރެއްވި ފަނޑިޔާރުންނަށް ޖަވާބު ދެވޭނެ ވަރުގެ ކަންތައްތަކެއްތޯ ޝިޔާމް ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކޮވިޑްގައި ލިބުނު ހުރިހާ މަންފާއެއް ހޯދައިގެން އަނެއްކާ ވެސް ވެރިކަމަށް އަންނަން ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. މިއަދު މުޅި ގައުމު ފެނިގެންދަނީ ބިކަހާލުގައި އޮތްތަން ކަމަށާއި، ރައްޔިތުންނަަށް އަޅާނެ އެއްވެސް މުއައްސަސާއެއް މި ގައުމުގައި ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.