މޫސުން ގޯސްވުމުގެ ސަބަބުން، މިރޭގެ އިދިކޮޅު ކޯލިޝަނުން ބާއްވަން ތާވަލުކުރި "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ޖަލްސާ ކެންސަލް ކޮށްފި އެވެ.

ޕީޕީއެމްއިން ބުނީ މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމި މި ޖަލްސާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މި ޖަލްސާ މިހާރު ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.

އިދިކޮޅު ކޯލިޝަނުން ފެއްސާއި، ރަތާއި، ހުދު ބޭނުންކޮށް ޤައުމީ ވަންތަ ގޮތަކަށް ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދުވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ މި މަހުގެ 10 ވަނަ ދުވަހު "އިންސާފު ހޯދަން" ނަމުގައި މާލޭގައި އިހުތިޖާޖުކޮށްފަ އެވެ. އަދި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އެ ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދުގައި "އައްޑަނަ" އިގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެން ވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.