އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ބުރާފަސްތި ދުވަހު ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އެ ރަށުގައި ބިދޭސީއަކު ދިރިއުޅޭ ގެއެއް ފުލުހުން ބަލައި ފާސްކުރަން ފަށައިފި އެވެ.
މަހުމޫދުގެ މަރާލި މައްސަލަ ތަހުގީގު ކުރުމަށް ދަނގެތީގައި ހަރަކާތްތެރިވާ ފުލުހުން މިއަދު ވަނީ އެރަށުގައި ހުންނަ ގެއަކަށް ވަދެ ބަލާ ފާސްކޮށްފަ އެވެ.
ފުލުހުންނާއި ފޮރެންސިކް ފުލުހުންގެ ޓީމުން ވަދެފައިވާ ގެ ހިމެނޭ ސަރަހައްދު ވެސް މިހާރު އޮތީ ބަންދުކޮށްފަ އެވެ. އެގެ ހުންނަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގަ އެވެ.
ފުލުހުން ފާސްކުރާ އެ ގޭގައި އުޅެނީ އެ ބިދޭސީ މީހާ އާއި އުމުރުން ދުވަސްވީ މީހާ އެކަންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެބިދޭސީ މިހާ ގެގޭގައި ހުންނަނީ އުމުރު ދުވަސްވީ މީހާ ބެލުމަށެވެ. މިހާރު އުމުރުން ދުވަސްވީ މީހާ އެހެން ގެޔަކަށް ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެެވެ.
މަހުމޫދު މަރާލިކަމަށް، ރަށުގެ ރައްޔިތުން ޝައްކުކުރާ ތިން މީހަކު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. މި ތިން މީހުން އަދިވެސް ތިބީ ދަނގެތީ ފުލުހުންގެ ބެލުމުގެދަށުގަ އެވެ. ނަމަވެސް މި މީހުންނާ މި މަރާ ގުޅުން އޮތީ ކިހާ ވަރަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ރަހުމު ކުޑަގޮތަކަށް މަރާލައި ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި މަހުމޫދު ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ބުރާސްފަތި ދުވަހު މެންދުރު 2:30 ހާއިރު އެވެ.