މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވާ "ސްޓާފް ޗެރިޓީ ރަން" މިއަދު ބާއްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި މި ދުވުމުގައި ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

މި ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން ގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. މި އެހީގައި ޑެފް އެސޯސިއޭޝަންއިން ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައިވާއިރު ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 30 ބިހޭވިއޮރަލް ތެރަޕިސްޓުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ "ސްޓާފް ޗެރިޓީ ރަން" ދުވުމުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" އަލުން ފަށާ މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ "ސްޓާފް ޗެރިޓީ ރަން" ދުވުމުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.