މާލޭގައިވާ ވިޔަފާރި ބަނދަރު ކ. ގުޅިފަޅަށް ބަދަލުކުރުމުން ގިނަ އަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ދެވޭނެކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކޮށްފައި ވެސް އެތަނުގައި މަދުވެގެން 30،000 މީހުންނަށް ބޯހިޔާވަހިކަން ދެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެދޮރުގެ ދަތިކަން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ކައުންސިލުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ދެވަނަ ފިޔަވަހީގައި މާލޭގައި ހާލުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށާއި، މާލޭގައި ވެސް އެފަދަ ޖާގައެއް އުފައްދައިގެން ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދިދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން މިކަން ފާހަގަކޮށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިގެންނާއި ސިޓީ ފޮނުވައިގެން ވެސް މިކަން ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.