މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރިމަތިލައްވަން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް މީހަކު ހޮވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެމަގާމުގައި ހުންނެވީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. ހަސަން ލަތީފްގެ ދައުރު އަންނަ މަހުގެ 11 ވަނަ ދުވަހު ހަމަވާނެ އެވެ.

އެހެންކަމުން އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްފަހު އެމްޑީޕީގެ ޗެއަޕަސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމާފައިވާކަން މެމްބަރު ހަސަން ލަތީފް ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން މަގާމަށް މަހުލޫފު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭނާ އަންނަނީ އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަން ކެމްޕޭނުގައި ހަރަކާތްތެރިވަމުންނެވެ.

މަހްލޫފް ވިދާޅުވީ މި ވަގަތު ހުރިހާ ކަމެއް ހުސްކުރައްވައިގެން މަސައްކަތް ކުރައްވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް ކަމަށެވެ. އަދި އެ އިންތިޚާބަށްފަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމާމެދު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ޔޫތު މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ކުރެވުނު އެމްއެމްޕީއާރްސީގެ ތުހުމަތާއި ގުޅިގެން މަގާމުން ދުރުކުރައްވާފައި ހުރުމަށްފަހު ސަރުކާރުގެ ވިސްނުން ބަދަލުކުރައްވާ ސަސްޕެންޝަން އުވާލުމުން މަހްލޫފް ދަނީ މިނިސްޓަރުގެ ހައިސިއްޔަތުން ބައެއް ރަށްރަށުގައި މަޝްރޫއުތައް ފައްޓަވައި ދެއްވުމަށް ވެސް ގިނަ ދަތުރުތަކެއް ކުރައްވަމުންނެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުން ކެންސަލް ކުރުމަށްފަހު މިހާރު އަޑުއެހުން އޮތީ ލަސްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ލަސްކޮށްފައިވަނީ ކޮވިޑާ ގުޅިގެން ކަމަށެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.