އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި އެވެ.

މިއަދު އެމްޑީޕީއިން އާންމުކޮށްފައިވާ ލިސްޓްގައި ވަނީ އެ ޕާޓީގެ ޗެއާޕާސަން، އަންހެނުންގެ ރޫހުގެ ރައީސާއި ނައިބު ރައީސް އަދި ޔޫތްވިންގްގެ ރައީސާއި ނައިބު ރައީސްގެ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ވަނީ ތަރުތީބުކޮށް އާންމުކޮށްފަ އެވެ.

އެމްޑީޕީއިން ބުނީ ނަންތައް ތަރުތީބު ކުރެވިފައިވަނީ ފޯމް ހުށަހެޅުއްވި ތަރުތީބުން ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ނަން ތަރުތީބު ކުރެވިފައިވާ ގޮތް:

ޗެއާޕާސަން ކަމަށް:

އިމްތިޔާޒު ފަހުމީ، މ. އަފްޒާ، މާލެ

ފައްޔާޒް އިސްމާއީލް، މއ. ބޯގަންވިލާ، މާލެ

އަންހެނުންގެ ރޫޙް ރައީސާ ކަމަށް:

ސަފާތު އަހްމަދު ޒާހިރު، ހުޅުމާލެ ގޯތި 10228، މާލެ

ރޮޒެއިނާ އާދަމް، ގ. ފީރޯޒް ލޮޖް، މާލެ

އަންހެނުންގެ ރޫޙް ނައިބު ރައީސާ ކަމަށް:

ފާތިމަތު ސަމީރު، ފުލްމޫން، ށ. މިލަންދޫ

ޔޫތުވިންގު ރައީސް ކަމަށް:

މުހައްމަދު އަންސާރު، ހެޕީޑްރީމް، ސ. ހުޅުދޫ

ރިފްގާ ޝިޔާމް، ހ. ވައިފިނި، މާލެ

ޔޫތުވިންގު ނައިބު ރައީސް ކަމަށް:

އަހްމަދު މައިމޫނު މުހައްމަދު، މީޒާން، ގއ. ކޮލަމާފުށި

އިންތިހާބަކާއި ނުލައި އަންހެނުންގެ ރޫހުގެ ނައިބަކަށް ކުރިމަތިލި ފާތިމަތު ސަމީރު ހޮވިފައިވާއިރު، ޔޫތުވިން ނައިބު ރައީސް ކަމަށް ކުރިމަތިލި އަހްމަދު މައިމޫނު ވެސް ވަނީ ހޮވިފަ އެވެ.

މިދެ ބޭފުޅުން ހޮވުނީ އިތުރު ކެނޑިޑޭޓަކު މިމަގާމުތަކަށް ވާދަ ނުކުރުމުންނެވެ. ނަމަވެސް މި ދެކެނޑިޑޭޓުންނަށްވެސް ވޯޓުލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16ވަނަ ދުވަހު އެވެ.

މިދިޔަ ހަފްތާގައި ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕަށްވެސް އަލުން މެންބަރު ހޮވާފަ އެވެ. އެގޮތުން ޕީޖީ ގުރޫޕޫގެ ލީޑަރު ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހޮވާފައިވާއިރު، ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ހޮވިފަ އެވެ.

އަމީން އާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހޮވިފައިވާއިރު އަމީން އާންމުގެ ނައިބަކަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ ހޮވިފަ އެވެ.

މީގެ އިތުރުން އެމްޑީޕީ ޕީޖީގެ ޗީފް ވިޕް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއް މުޣުނީ ވަނީ ހޮވިފަ އެވެ.