އެމްޑީޕީގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ދުރުކުރަން ބަޔަކު މަސައްކަތެއް ނުކުރާ ކަމަށާއި، ޕާޓީގެ ތެރޭގައި ނަފުރަތު އުފައްދަން މަސައްކަތް ނުކުރުމަށް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައްވަފި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަަމަށް ވާދަކުރައްވާ ރޮޒެއިނާ އެކަމަށް ގޮވާލެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ހަރަކާތުގައި އިންތި ދެއްކެވި ވާހަކަދައްކާއާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

ކެމްޕޭން ހަރަކާތުގައި އިންތި ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ ވަރަށް ރޭވިގެން އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތްކޮށް، ބޭރުކޮށްލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަމަށް ޖާގަ ނުދޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ އުސޫލުތަކާއި އަސާސްތަކަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށާއި، މި އަސާސްތަކުން ދުރަށް ދިޔައީމާ ވާގޮތް މިހާރު ފެންނަމުންދާ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތިގެ ވާހަކަތަކަށް ރައްދު ދެއްވާ ރޮޒެއިނާ ވިދާޅުވީ މިއީ އެތެރޭގެ އިންތިހާބެއް ކަމަށާއި ދޮގު ހަދާ، ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ޕާޓީ ތެރޭގައި ނަފުރަތު އުފައްދަން ނޫޅުމަށާއި ރީތިކޮށް ކެމްޕޭން ކުރަން ރޮޒޭ ވަނީ އިންތިއަށް ގޮވާލައްވައިފަ އެވެ.

"މި ޕާޓީން ރައީސް ނަޝީދު ދުރުކުރާކަށް މީހަކު ނޫޅޭ. މި ޕާޓީގެ ރައީސަކީ މި ޕާޓީގެ އާންމު މެމްބަރުން ވޯޓުލައިގެން ހޮވާފައި ހުރި ބޭފުޅެއް. ވަކި މީހަކަށް ރައީސް ނަޝީދު ދުރެއް ނުކުރެވޭނެ،" ރޮޒޭ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒެއިނާ ވަނީ އިންތިގެ ކެމްޕޭނުގައި ބޭނުން ކުރަމުންދާ ޝިއާރު ކަމަށްވާ "ތިލަފަތުގެ ރަމްޒު" އަކީ ފިތުނައާއި، އޮޅުވާލުން ނޫންތޯ ނުވަތަ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުންތޯ ސުވާލު ކުރައްވައިފަ އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

އެމްޑީޕީގެ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.

މި އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ބޭފުޅުން އެކަކު އަނެކަކަށް ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ވެސް ރައްދު ކުރައްވަމުންނެވެ.