އިދިކޮޅު ކޯލިޝަނުން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ބޮޑު އެއްވުމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިނުގެންނެވީ އެމްއެންޑީއެފްގެ ސެކިއުރިޓީގެ ހުއްދަ ނުލިބިގެން ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން މިނިވަންވެ ވަޑައިގެންނެވި ފަހުން، ރާއްޖޭގެ އެކި ރަށްރަށުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެމަނިކުފާނު ގެންދެވީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ "ނޭވާ ހޮޅިއަށް" ގެ ނަމުގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި އެކޯލިޝަނުންގެ އިސް ސަފުގައި ހަރަކާތެރިވާ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން މިހަރަކާތުން ފެނިފައިނުވާތީ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

މިކަމާ ގުޅިގެން ޕީޕީއެމްއިން ބުނީ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ ސެކިއުރިޓީން ހުއްދަ ދިނުމުން ކަމަށާއި ނަމަވެސް މިއަދުގެ އެއްވުމުގައި ބައިވެރިވުމުގެ ހުއްދަ ސެކިއުރިޓީގެ ފަރާތުން ރައީސް ޔާމީނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ ގެކޮޅުގައި ކަމަށް ވެސް ބުންޏެވެ.

މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގެ ބައިވެރިންނަށް ފުލުހުންނަށް ވަނީ ހުރަސް އަޅައިފަ އެވެ. އަދި ވަކި ހިސާބަކުން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި އެއްވުން ރޫޅާލަން މަސައްކަތްކޮށްފަ އެވެ.

އެއްވުން ރޫޅާލުމުގެ ތެރޭގައި ބައެއް މީހުން ހައްޔަރު ކުރި އެވެ. މި މުޒާހަރާގައި ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސީއިން ވަނީ ގޮވާލާފަ އެވެ.