އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައިނުވާނެ ކަމަށް ޗެއާޕާސަން މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އަދި އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުން އަންނައިރު ބޮޑެތި ތުހުމަތުތަކެއް ވެސް އަންނަނީ ކުރަމުންނެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަންނަނީ ފައްޔާޒު ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތެއްގައި ބޭނުން ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ބިރު ދައްކާކަމުގެ ތުހުމަތު ވެސް އޭނާ ކުރެ އެވެ.
ފައްޔާޒުގެ ކެމްޕޭނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އިންތިހާބުގައި ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕޭން ޓީމުން އެދިފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ ނިލަންދޫ ފެނަކަ އޮފީހާ ހަމައަށް ވެސް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ކެމްޕޭން ހަރަކާތްތައް ބޭއްވީ ނިލަންދޫ ބަނދަރުމަތީގައި ކަމަށާއި ފެނަކަ އޮފީހެއްގެ ވާހަކައަކީ ކޮން ވާހަކައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އިންތި ގެންދަވަނީ މި އިންތިހާބަށް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން ނުފޫޒު ފޯރުވަމުންދާ ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ. ހަމައެއާއެކު އިންތިގެ ކެމްޕޭން ޓީމެއް ގދ. މަޑަވެލީ ފެނަކަ އޮފީހުގެ މުވައްޒަފުންތަކަކާ ބައްދަލުކުރާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.