މަޖިލިސް ތެރޭގައި ފިރިހެން މެންބަރު ކިތަމެއް ވަރަކަށް ވައްބަހުން އެއްޗެހި ގޮވިޔަސް ދެން ރޭރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ އޭނާ މަޖިލީހަށް މިއަދު ހުށަހެޅުއްވި އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލާ ގޮވާލާ ހުށަހަޅާ ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ކިތަންމެ ރޭރު ކުރަންވެގެން އަމިއްލަ ޕާޓީގެ ފިރިހެނުން ވެސް ވައްބަހުން ނަމަވެސް އެއްޗެހި ގޮވިޔަސް ފިރިހެނެއްގެ ރޭރު ކުރުމަކަށް ދެނެއް އަޅުގަނޑެއް ދީލާލާކަށް ނެތިން،" އީވާ ވިދާޅުވި އެވެ.

އިވާ އިތުރަށް ވިދާޅުވީ އަންހެނުންގެ ހައްގުގައި ކުރާ މަސައްކަތަށް މެމްބަރުންނާއި އެހެނިހެން ގޮތް ގޮތުން އުނދަގޫތަކެއް ކުރިމަތި ކުރުވި ނަމަވެސް ފަހަތަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ. އަދި މެމްބަރުން ކުރާ މަލާމާތަކަށް ނުބައްލަވައި މަސައްކަތް ކުރައްވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުމުރުން 44 އަހަރުވެއްޖެ، ސިޔާސީ މަސައްކަތުގައި އުޅޭތާ ވިއްސަކަށް އަހަރު މި ވަނީ. އެހެންވެ އަންހެނުންނަށް ވަކާލާތު ކުރަން އަދި ބާރުވެރި ކުރުވަން ގަރާރެއް ލީމާ ކިތަންމެ މަލާމާތެއް ކުރިޔަސް ބޯލަނބާކަށް ނެތިން. ފަހަތަށް ޖެހޭކަން ނެތިން،" އީވާ ވިދާޅުވި އެވެ.

މީގެއިތުރުން އީވާ ވިދާޅުވީ ރަށް ރަށުގެ ކައުންސިލްތަކުގައި އިންތިހާބުވެފައި ތިބި އަންހެން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުނަށް ފުރައްސާތަކުރުމާއި ދަތިތައް ކުރުވުން ހުއްޓަން ޖެހޭކަމަށާއި އެ މެންބަރުންނަކީ މިއަދު އެ ރަށްރަށުގެ ލީޑަރުންކަމަށެވެ.

އީވާ ވިދާޅުވިގޮތުގައި އެ މެންބަރުންނާ ދޭތެރޭ މިއަދު ކަންކުރާ ގޮތް ވެގެންދާނީ މުސްތަގްބަލުގައި އެރަށްރަށުން ނިކުންނާނެ އަންހެން ކުދީން މުސްތަގުބަލާއި ދޭތެރޭ އަޅާނެ ފިޔަވަޅު ކަނޑައަޅޫމަށް އަސަރު ކުރާނެ ކަމަކަށެވެ.

މަޖިލީހުގެ ބައެއް ފިރިހެން މެމްބަރުންގެ ފަރާތުން އީވާއަށް މަލާމާތާއި ފުރައްސާރަ ކުރަމުން ގެންދާ ކަމުގެ ވާހަކަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ދެއްކެވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

"އަޅުގަނޑުމެން މިތަނުގައި ބުލީކުުރުމާއި ޖެއްސުންކުރުމާ މިކަންކަން އަޅުގަނޑުމެން ހުއްޓައިނުލައެއް، އިއްޒަތްތެރި ރައީސް އަޅުގަނޑުމެންގެ މިރާއްޖެއަކަށް ކުރިއެރުމެއް ނާންނާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.