ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެމްޑީޕީން ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ކެންޑިޑޭޓްގެ ފޯމް ހުށައަޅާފައިވަނީ ސުންގަޑި ހަމަވި ފަހުން ކަމަށެވެ. އެހެން ކަމުން އެ ފޯމް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ހާމަކުރެ އެވެ.

އިލެކްޝަން ކޮމިޝަނުންގެ އޮފިޝަލަކު ވިދާޅުވީ ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ ގޮޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު މެންދުރު 12 ޖެހުމާއި ހަމައަށް ހަމަވިއިރު، ކުރިމަތި ލާފައިވަނީ ދެ ކެނޑިޑޭޓަކު ކަމަށެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން މިއިންތިހާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީން ވާދަކުރަނީ އަމިނަތު ޝީޒާ އެވެ.

ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ވާދަކުރާ ދެ ކެނޑިޑޭޓުން

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އީމާންއަކީ ވެސް އެމްޑީޕީގެ މެންބަރެކެވެ.

ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނުން އެމްޑީޕީއަށް ފުރުސަތު ގެއްލިފައިވާއިރު މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްގެ މަގާމު ވެސް ވަނީ އެމްޑީޕީއަށް ގެއްލިފަ އެވެ.

ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހަށެވެ.