އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ "ތިލަފަތުގެ ރަމްޒު" ޓީމުން މަސައްކަތް ކުރަމުން އަންނަނީ އެ ޕާޓީއަށް 2023 ވަނަ އަހަރު ކާމިޔާބު ނުވާ ގޮތަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލްގެ ކެމްޕޭން ޓީމުން އައްޑޫ ސިޓީގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް އޮވެ މަސައްކަތް ކުރަން ޖެހޭނީ ވެރިކަމުގައި އޮތުމަށް ކަމަށެވެ. އަދި ވެރިކަމާ ދުރަށް ކުރެވޭ މަސައްކަތަކީ އެމްޑީޕީގެ މަގުސަދާ ޚިލާފުކަމެއް ކަމަށެވެ.
މިއަދު މި އިންތިޚާބުގައި އިންތިގެ ޓީމުން ފެނިގެންދަނީ 2023 ވަނަ އަހަރުގެ އިންތިޚާބާއި ދުރަށް މަސައްކަތް ކުރާތަން ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުންނަށް މިވާހަކަތައް ދައްކަން ނުކެރޭ. ހަމަގައިމުވެސް އެއް ފަޅިން މަސައްކަތްކުރަނީ 2023 އާ ދުރަށް. އެބޭފުޅުންގެ އެޖެންޑާއަކީ ކޮބައިކަމެއް ނޭނގޭ. ޝައްކެއް ވެސް ނެތް ގޮތުގައި އެ މަސައްކަތްކުރަނީ 2023 އާ ދުރަށް. ކޮބާ މި ޕާޓީގެ ބޭނުމަކީ؟ ކީއްކުރަން އަޅުގަނޑުމެން މި ކުލަ ހިފައިގެން. މި ވައުދުވަމުން. މި މެނިފެސްޓޯ ހިފައިގެން މިދަނީ؟ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރަނީ. ސަރުކާރުން މަސައްކަތްކުރަނީ ސިޔާސަތުތައް ކަނޑައަޅައިގެން ވެރިކަމެއް ކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ މިނިސްޓަރު ފައްޔާޒުއަކީ ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ފަސްޖެހޭނެ މީހެއް ނޫން ކަމަށެވެ. އަދި ފައްޔާޒާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި ފައްޔާޒަކީ ބުނަންޖެހޭ ބަހެއް ކެރިގެން ބުނުމުގެ ގާބިލުކަން ހުރި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީ ހިންގަން ފައްޔާޒަށް ވުރެ ވަކި މޮޅު އެހެން މީހަކު އެމްޑީޕީގެ ތެރެއިން ލިބޭނެހެން ހީނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ވައްކަމާ ދުރަށް