މާލޭގެ އެކި ގެތަކުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އެގޮތުން ފުލުހުން ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު (ހ.ދޫވެހި) ގައި ދަމާފައިވާ ބެނާ ނެގުމަށް އެގެއަށް ވަދެފަ އެވެ.

ފުލުހުން ދޫވެއްސަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް އެގެއަށް ފުލުހުން ވަނީ އެ ގޭގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ ނެގުމަށް ކަމަށް ޕީޕީއެމްގެ އޮފިޝަލަކު ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

ރައީސް ޔާމީންގެ ގޭގެ އެތެރޭގައި ވެސް އަދި އެ އިމާރާތުގެ ބޭރުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ ސަރަހައްދުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުންނާއި އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ވެސް އަންނަނީ ހަރަކާތެރިވަމުންނެވެ.

އިންޑިއާ އައުޓް ބެނާއެއް ނަގައިގެން ފުލުހުން ގެންދަނީ

ފުލުހުން ލިޔުމުން ގޭގެއަށް ފޮނުވި އެންގުންތަކުގައި ވަނީ އެ ބެނާތަކުގައި އާންމުކޮށް ފެންނާނެހެން އިންޑިއާ އައުޓް ޖަހާފައިހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ އަމަލެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

އަދި އެކަމުގެ ނަތީޖާއެއްގެގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުންވެދާނެކަމަށް ފުލުހުންގެ އިދާރާއިން ދެކޭ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ އެއީ ފިތުނަވެރި އަމަލެއް ކަމަށެވެ.

އިންޑިއާ އައުޓް ބެނާ ހަރުކުރުމަކީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ ހަ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ މާއްދީގޮތުން ހުތުރު ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ ފަދަ އަމަލެއް ކަމުގައި ބެލެވޭ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

ފުލުހުން މިގޮތަށް އަންގާފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އައުޓް ބެނާތައް ނެގުމަށް ގޮވާލުމާއި ގުޅިގެނެވެ.

އިންޑިއާ އާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ގަރާރެއް

އިންޑިއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.

ރައީސް ސޯލިހު މިގޮތަށް އަންގަވާފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތެއް ކަމަށް ބުނެ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމާތާބެހޭ މަޖިލީހުން ރޭ ނިންމަވާފައިވާތީ ރައީސް އޮފީހުން ބުނެ އެވެ.

ރައީސް ނެރުނު ގަރާރުގައި އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ރާއްޖެއާއި އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަން ވެސް ރައީސްގެ ގަރާރުގައި ވިދާޅުވި އެވެ.

މި ގަރާރުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1981) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް (1963) ގެ ދަށުން، ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމުގައި ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (1966) ގެ ދަށުން، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ގައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމުގައި މި ގަރާރުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ އެކިއެކި މުޢާހަދާތަކާއި، ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވައިލައި އދ. އިން ފާސްކޮށްފައިވާ އެކިއެކި ގަރާރުތަކަށް ބަލާއިރު، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ނުވަތަ ފުރައްސާރަކުރުން، ނުވަތަ ތަފާތުކުރުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ގާނޫން މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅައިފައިވާ އަމަލުތަކެއް ކަމަށާއި އިންޑިއާ އާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ހަރަކާތަކީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަން އަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަޙައްދީ ސަލާމަތާއި ރައްކައުތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ޚާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަހައްމަލުކުރަން ޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ގަރާރުގައި އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކާތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.