މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމުން ބަލަމުން ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ފިނިހޫނުމިން އިންތިހާއަށް މަތިވަމުން އަންނަ ކަމަށާއި ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ފަރުތަކާއި މެދު ވާނެ ގޮތާއި މެދު ވިސްނަން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑުގެ ހޫނުމިން މިދަނީ އިންތިހާއަށް މަތިވަމުން. ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުން ވަރަށް މުހިންމު. ފަރުތަކަށް ވާނެ ގޮތަކާމެދު ފިކުރު ކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ދިވެހިރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނިކޮށެވެ.

އަދި މިމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ނަމަވެސް މިހާރު ކުރަމުންދާ ވިއްސާރަވެސް ދެމިގެން ނުދާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.