ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ހުރިހާ ގޮތަކުންވެސް ފެއިލްވެފައިވާ ބޭފުޅެއްކަން އިންޑިއާއަށްވެސް އެނގޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދައިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެންބަރު ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ދިވެހިންގެ ތާއީދު ނެތްކަމަށް އިންޑިއާ ނޫހަކަށް ދެއްވި އިއްޓަވިއުއްގައި ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އިންޑިއާ ނޫހަށް ދެއްވި އިއްޓަވިއުއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުން އެއްވެސް އިރަކު އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދު ނުކުރާ ކަމަށާއި އެކަން އެމަނިކުފާނަށް ޔަގީންވާ ކަމަށެވެ. އަދި އިންޑިއާގެ އެތައް މަސައްކަތްތެރިންނެއް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނައިރު އެގައުމުގެ ރައްޔިތުން ރާއްޖެއިން ފޭބުމަށް ބޯ ހަމަޖެހޭ އެއްވެސް ދިވެއްސަކު ގޮވައި ނުލާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ފާޑުވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދުގެ ސްޓަންޓްތަކަކީ އެމަނިކުފާނުގެ ސިޔާސީ އެޖެންޑާއަށް އިންޑިއާގެ އިތުބާރު އަލުން ލިބޭނެ ކަމުގެ އުންމީދުގައި އިންޑިއާ ރުއްސުމަށް ކުރައްވާ ކަމެއްކަމަށެވެ. އަދި އެކަމަކީ އެތައް ފަހަރަކު ޓެސްޓްކޮށް ފެއިލްވެފައިވާ ކަންކަން ކަމަށާއި އިންޑިއާއަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ، "އިންޑިއާ ފަސްޓް" ޕޮލިސީ ފެއްޓެވީ ރައީސް ޔާމީން ނަމަވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ އެމަނިކުފާނު ދެކޮޅު ކަމަށެވެ.

އިދިކޮޅުން ފަށާފައިވާ މި ކެމްޕެއިނަކީ ސިޔާސީ މަގްސަދެއްގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ބުނެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މި ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާތީ، އެ ކެމްޕޭން ހުއްޓުވުމަށް އަންގައި ގަރާރެއް ވެސް ނެރުއްވާފަ އެވެ.