އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ހިންގުމުގެ ތަޖުރިބާއާ އެކު އަންނަ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން ފައްޔާޒާއެކު ރައީސް އޮފީހުގެ ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ރައީސް ސޯލިހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރެއްވި މާފަންނު އުތުރު ދާއިރާއގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރައްވައި ބޮޑު އަގުލަބިއްޔަތަކުންނެވެ.

ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފައްޔާޒާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފަ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު މިހާތަނަށް އިއުލާންކުރައްވާފައި ނުވާއިރު، މި އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާންކުރައްވާފަ އެވެ. އަދި އެ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނެކަމަށް ދެކިވަޑައިނުގަންނާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސް ސޯލިހު އެކަން ދޮގުކުރެއްވި އެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލާނެކަން ރަސްމީކޮށް އިއުލާނު ނުކުރެއްވި ނަމަވެސް އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިނުލާނެ ކަމަށް އެއްވެސް އިރަކު ވިދާޅުވެފައި ނުވާނެ ކަމަށެވެ.