ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތްތައް އޮބްޒާވް ކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ދީފި އެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްދާ ޝަރީއަތްތައް އޮބްޒާވް ކުރުމުގެ ފުރުސަތަށް އެމަނިކުފާނުގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވަނީ އެމަނިކުފާނުގެ ހަތަރު ވަކީލަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

މިކަމާ ގުޅީގެން ނަޝީދުގެ ކޮއްކޯފުޅު އަދި ވަކީލުންގެ ތެރޭގައި ހިމެނޭ ނާޒިމް ސައްތާރު ވިދާޅުވީ ކްރިމިނަލް ކޯޓުން މިހާރު އެފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ދައުވާއުފުލި މީހުންގެ ތެރެއިން މިހާތަނަށް ކުށް ސާބިތުވެފައިވަނީ އެ ކުށަށް އިއުތިރާފްވި އަހުމަދު އަދުހަމް އެކަންޏެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ ތެރޭގައި ތަހްނީމް އަހުމަދު، މުޖާޒު އަހުމަދު، އިސްހާގު، ފަހުމީ އަލީ، އަލީ ހައިޝަމް، މުހައްމަދު ތަސްލީމު، އަބްދުﷲ އަލީ މަނިކު، މުހައްމަދު ނާޒިމް، ހަސަން ޔާސީން އަދި މުހައްމަދު ޒޫމަލް ޒަރީރެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މިމައްސަލައާއި ގުޅިގެން ދެ އަޑުއެހުމެއް މާދަމާ އަށް ވަނީ ތާވަލުކޮށްފަ އެވެ. މިމައްސަލާގައި ދިހަ މީހެއްގެ މައްޗަށް ދައުވާ އުފުލާ އެމީހުންގެ ޝަރީއަތްވެސް މިހާރު އަންނަނީ ކޯޓުގައި ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރެއިން ސީދާ ބޮމުގެ ހަމަލާއާ ގުޅޭ ދައުވާތައް ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އެހެން ދައުވާތައް ކުރެވޭ މީހުން ހިމެނެ އެވެ.