މިވެރިކަމުގައި ފުލުހުން ފެއިލްވުމުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ސ. ފޭދޫގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓުވީޓެއްގައި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި ސީޕީ ހަމީދު ޓެގް ކުރައްވާ ކުރެއްވި ޓުވީޓްގައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ރާއްޖޭގައި އަމަންއަމާންކަން ގާއިމުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިހްލާސްތެރިވާން ޖެހޭ ކަމަށެވެ. އަދި ރާއްޖެ ޑްރަގުގެ ހާއްޔަކަށްވެފައިވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ރާއްޖެ ޑްރަގުގެ ހާއްޔަކަށްވެފައި. އަމަންއަމާން ކަން ގާއިމްކުރަން އިހްލާސްތެރިވާންވީ. އިދިކޮޅު މީހުންނަށް އަނިޔާކޮށް ބެނާ ނަގާއިރު ގައުމުގެ ހާލަތު ފެނޭ؟ މި ވެރިކަމުގައި ފުލުހުން ފެއިލްވުމުގެ ނަތީޖާ މި ފެންނަނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އައްޑޫގައި ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި ދެ ޒުވާނުންގެ ތެރެއިން އެކަކު މިއަދު ވަނީ ނިޔާވެފަ އެވެ. އެ މާރާމާރީތައް ފެށުނު ރޭ އެންމެ ފުރަތަމަ ކުރިއަށްދިޔަ ތަނަށްވެސް ފުލުހުންނަށް ހާޒިރުނުވެވުނީ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލް ނޭޅިގެން ކަމަށް އެ އަތޮޅު މީހަކު ބުންޏެވެ. ނަމަވެސް ފުލުހުން ބުނަނީ ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ.

ރޭ ހިނގި މާރާމާރީގައި ނިޔާވި ޒުވާނާއަށް ކަތިވަޅިންނާއި ވަޅިން ހަމަލާދީފައިވެ އެވެ.