ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފިޒު ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މަރުގެ ހުކުމް ތަންފީޒުކުރަމާ ގުޅޭ ގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ދެއްކެވި ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، ހޯމް މިނިސްޓަރު އިމްރާނާ މިއަދުގެ މަޖިލީހުގައި ސުވާލު ކުރައްވާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެވެ.
ތޯރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ 800 އަހަރު ކުރިން ދިވެހިން އެއިރު ތިބި ދީން ދޫކޮށް އިސްލާމްދީނަށް ވަނީ އިސްލާމްދީނުގެ ފުރިހަމަކަމާއި މާތްކަން ތެދުހިތުން ގަބޫލުކޮށްގެން ކަމަށެވެ. އަދި ޝަރުއީ ހުކުމްތައް ބާވައިލައްވާފައިވަނީ އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހިމާޔަތްކުރުމުގެ މަތިވެރި މަގްސަދުގައި ކަމަށާއި، އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތައް ގާއިމުކުރާހާ ހިނދަކު، އަދި އީމާންކަން އޭނާގެ ކިނބައިން ކެނޑޭނެކަމެއް ނުކުރާހާ ހިނދަކު ކޮންމެ މުސްލިމަކީ އިސްލާމީ ޖަމާއަތުގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ މީހެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ޝަހީމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ކުރީ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބާރުތަކުން އެންމެ ބޮޑަށް ބޭނުންވި އެއްސަބަބަކީ ވެސް ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކަރުން ވަނީ ވެރިކަން މިނިގެން ދިޔައިރު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހާ ތައްޔަރީތަކާއި ގަވާއިރުތައް ހަދާ ނިމިފައިކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކުރީގެ ސަރުކާރު ނިންމުން އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހާ ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައިހުރީ. އޭގެ އެންމެހާ އުސޫލެއް ކެބިނެޓުން ފާސްވެސް ކުރި. ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކުން ބޭނުންވި އެއްސަބަބު އެއީ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
މިކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަވާބެއް ދެއްވުމަކީ މުހިންމު ކަމެއް ކަމަށާއި، މި "ތާރީހީ ހަގީގަތް" ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމެއް ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ ގަވާއިދެއް، 2015 ވަނަ އަހަރު ހަދައި، ދަންޖައްސައިގެން ނުވަތަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭ ގޮތަށް ކަނޑައެޅި އެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.
އެ ތިން މީހުންގެ މަރުގެ އަދަބު 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ދެމެހެއްޓިޔަސް، މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ އެއްވެސް ކަމެއް މިހާތަނަކަށް ނުކުރެ އެވެ.
ރާއްޖޭގައި މަރުގެ އަދަބެއް އެންމެ ފަހުން ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ.
ކުރީ ސަރުކާރު ބުނަނީ އެމީހުން އޮތީ މަރުގެ ހުކުމް ތަންފީޒު ކުރަން ހަމަ ރެޑީ ކޮށްފަޔޭ، ޝޭހު އިމުރާން ބުނީ މިސަރުކާރު އޮތީ ކުރީ ސަރުކާރު ގޮތަށޯ އެކަމުގައި ސިޔާސަތު ބަދަލް ނުވެޔޭ !
ދެން ނުކުރީ ކީއްވެ