ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަދަ އަމަލެއް ކޮށްފައިނުވާނެ ކަމަށާއި އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވާތޯ ބެލުމަކީ ފުލުހުންނަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.
މެންބަރު ސަލީމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދައުރުވާން ފަށާފައިވާއިރު އެ ވީޑިއޯއިން ދެން ފެންނަ މީހަކީ ސައްލޭ ކަމަށް އަޑު ފެތުރިފައިވާތީ އެވެ.
އޭނާއާ މެދުގައި ތުހުމަތުކުރެވޭ މައްސަލަ ބަލައި ދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީގައި ރާއްޖެ ޓީވީގެ އެއް ޑިރެކްޓަރު ސަލީމް ވިދާޅުވީ އޭނާ އަށް ރައްދުވާ ގޮތަށް އިސްމާލްދީނުގައި ހަރާން ކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނަ އެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި އެ މީހަކާއެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ،" ސަލީމްގެ ސިޓީގައި ވެ އެވެ.
ސަލީމް ވަނީ އޭނާއާ މެދު ތުހުމަތު ކުރާ ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެ ނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.
އަދި ތަހުގީގު ކުރުމަށް ފަހު އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލް މައުލޫމާތު އާންމުކޮށް ހިއްސާކުރުމަށް ވެސް ސަލީމް އެދިވަޑައިގެންފައިވެ އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ވަނީ އާންމު ވެފަ އެވެ. އޭނާ އެ ރޭ ފުލުސް އޮފީހަށް ގެންގޮސް ވަނީ ސުވާލު ވެސް ކޮށްފަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއަން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ.