ރާއްޖެއަށް ހެޔޮ ބަދަލު ގެނެސް ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މެންބަރުނަށާއި އެ ޕާޓީއަށް ތާއީދުކުރާ މީހުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފުކުރީ ވެސް އެމްޑީޕީން ކަމަށާއި ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ ވެސް އެ ޕާޓީން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ، ޕާޓީ ދެ ފެކްޝަނަށް ބެހި ރައީސް ނަޝީދަށް އެމްޑީޕީ ތެރެއިން ގިނަ ހުރަސްތަކެއް ކުރިމަތިވާން ފަށައިފަ އެވެ. އަދި މީގެ އިތުރުން އިގްތިސޯދީ މައްސަލަތަކާއި އެ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖްލިސް މެމްބަރުންނާއި އިސް މަގާމުތަކުގައި ތިބި ބެހޭ ގޮތުން ފެތުރުމެންދާ ޖިންސީ ހުތުރު އަމަލު ހިންގާ ވީޑިއޯއާއި ފޮޓޯތަކެއް ލީކުވުމުން ޕާޓީގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

މީގެ އިތުރުން ޚުދު ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ޖިންސީ އަމަލު ހިންގި ވީޑިއޯއެއް އާއްމުވެ، ގިނަ ބަޔަކު ދަނީ ނާޒިމް ހައްޔަރުކޮށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ، ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައި ވަނީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަދުވަހު އެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އިސްބޭފުޅުން ދަނީ ޕާޓީގެ އާންމު މެމްބަރުންނަށާއި، އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކަށް ފޮނުވަމުންނެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ހަވީރު 4:00 ގައި މާލޭގައި މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ހަރުގޭގަ އެވެ. އަތޮޅު ތެރޭގައި އެމްޑީޕީގެ ޖަގަހަތަކުގައި ދިދަ ނެގުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.