ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވާ ހިޔާ މަޝްރޫއުތަކުގެ ހަގީގީ ބާނީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ހަގީގީ ބާނީއަކީ ރައީސް ޔާމީންކަން ހާމަކުރައްވާ މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސްޓެލްކޯ ހިޔާ ޕްރޮޖެކްޓުގެ އިތުރުން ހިޔާގެ ހުރިހާ ޕްރޮޖެކްޓްތަކަކީ ވެސް ރައީސް ޔާމީންގެ ވިސްނުންފުޅާ ހިޔާލުބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ޕްރޮޖެކްޓުތަކެއް ކަމަށާއި ރައީސް ޔާމީންގެ ދައުރުގައި ފެށިފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފްލެޓް އެޅުމުގެ މަސައްކަތް ފެށި އެވެ. މިހާރު ސްޓެލްކޯގެ ފްލެޓްތައް ނިމިފައިވާއިރު އެފްލެޓްތަކުގެ ހައްގުވެރިންނަށް އަންނަ މަހު ހަވާލުކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. ސްޓެލްކޯގެ ދެ ޓަވަރުގައި ހިމެނެނީ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓްތަކެވެ.

ސްޓެލްކޯގެ އިތުރުން އެމްޑަބްލިޔުއެސްސީ އާއި އެމްޕީއެލް އަދި އެއާޕޯޓް ކުންފުނީގެ ފްލެޓްތަކުގެ މަސައްކަތް ވެސް ވަނީ ނިމުމާ ކައިރިވެފަ އެވެ.