ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން މާދަމާ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވައިފި އެވެ.

ޕީޕީއެމްއިން ބުނީ ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރުން އޮންނާނީ މާދަމާ ރޭ 08:30 ގައި އެވެ.

މިއީ ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ.

މީގެ ކުރިން 2019 ވަނަ އަހަރުތެރޭ އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި އެވެ. އެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބޭއްވި ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ބައެއް ނޫސްތަކަށް ވަކިވަކިން އިންޓަވިއު ދެއްވާފައިވެ އެވެ.

ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު މިދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ. މިމަހުގެ 19 ވަނަ ދުވަހު ޕީޕީއެމް އިން ގެންދަނީ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލު ކުރުމަށް ބޮޑު ޖަލްސާއަކަށް ވެސް ތައްޔާރުވަމުންނެވެ.