ވެރިކަމުގެ ނިޒާމް ބަދަކުކުރުމަށް ރައްޔިތުން ގާތު އެހުމަށް އެއްވެސް މީހަކަށް އިންކާރުނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ގެނައުމާ ގުޅޭ ގަރާރެއް ވެރިކަންކުރާ އެމްޑީޕީގެ ކޮންގުރެސްއަށް ހުށަހަޅުއްވާފައިވަނިކޮށް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ތާއީދުނުކުރައްވާކަން ރައީސް ސޯލިހާއި އެމްޑީޕީގެ ބައެއް ފަރާތްތަކުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައި އެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފަށްޓަވައިގެން ކުރިއަށް ގެންދިޔަ ނަމަވެސް އެކަމަށް ރާއްޖޭގެ ސިޔާސީ މައިދާނުން މާބޮޑު ތަރުހީބެއް ނުލިބެ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބަރުލަމާނީ ނިޒާމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.

ނަޝީދުގެ ޤަރާރު އަނބުރާ ގެންދެވުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ރަގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށް ކަމުގައެވެ. އަދި އެ ގޮތް ދެނެގަނެވޭނީ ފެންނަނުފެންނަ ވޯޓެއް ނަގައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އަދި ރައްޔިތުންގެ ގާތުގައި އެ ރައްޔިތުން ބޭނުންވާ ގޮތެއް އެހުމަކީ އެކަމަށް އެއްވެސް މީހަކަށް އިންކާރުކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގިނަ މެންބަރުން ވެރިކަމުގެ ނިޒާމާ ގުުޅޭ ގޮތުން ގޮތެއް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންވާކަމަށް ނަޝީދު ވިދާޅުވިއިރު، ކޮންމެ ރެއަކު އެމްޑީޕީ ހަރުގޭގައި އެމަނިކުފާނު ބާއްވަވަމުން ގެންދަވާ ބަރުލަމާނީ ނިޒާމާ ގުޅޭ މަޝްވަރާތަކަށް ރައްޔިތުންގެ ތަރުހީބު ކުޑަ އެވެ.

ރޭ ބޭއްވި ހަރުގޭގެ ބަންދަލުވުމުގައި ނަޝީދު ވިދާޅުވީ ފެއާ ޕްލޭއެއް އޮންނަން ޖެހޭ ކަމަށާއި އެއީ އެމަނިކުފާނު ރައީސް ސޯލިހަށް ދަންނަވާ އިލްތިމާސެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ބަލިވީމަ ބަލި ގަބޫލުކުރާނެ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިލްތިމާސް ދަންނަވަން ފެއާ ޕްލޭ އޮންނަންް ޖެހޭނެ. ހަމަހަމަކަން މަތީގައި، އަޅުގަނޑާ ވާދަކުރައްވައިގެން ނުވާނެ އެއްކޮޅުން އޮޅުވާލައްވައިގެން. އަޅުގަނޑަކީ ކަންކަން އޮޅުވާލާ މީހެއް ނޫން. ސާފު ސާދާކޮށް ހުރިހާ ބޭފުޅުންވެސް އަޅުގަނޑާ ވާދަކުރަންވަން ޖެހޭނީ. އަދި އަޅުގަނޑަކީ ރުޅިވެރިކަމާ ނުލައި ހަސަދައަކާއި ނުލައި ހަމަ ސާދާ ގޮތުގައި ވާދަކުރަން ވަރަށް ތައްޔާރަށް ހުރި މީހެއް. އަދި އަޅުގަނޑު ބަލިވީމާ ވަރަށް ރަނގަޅަށް ބަލި ގަބޫލުކޮށް ދާ ވެސް މީހެއް،" ނަޝީދު ވިދާޅުވި އެވެ.