އެމްޑީޕީން މާދަމާ ފަށަން ތައްޔާރުވެފައިވާ އެ ޕާޓީގެ ކޮންގްރެސް ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން އެދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފޮނުވި ސިޓީއާ ގުޅިގެންނެވެ.
ތިން ދުވަހުގެ ކޮންގްރެސްއަށް ރަށްތަކުން މާލެ އައި މަންދޫބުންނަށް މަރުހަބާ ކިޔުމަށް މިއަދު ރަސްމީ ފާލަށް ކައިރިން މަރުހަބާ ކިޔުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ކޮންގްރެސްއަށް 700 ވުރެ ގިނަ ގޮފި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށްފަހު ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ކޮންގްރެސް ފަސްކުރެވޭނީ އެޕާޓީގެ ގައުމީ މަޖިލީހުން އެ ގޮތަށް ނިންމައިފި ހާލަތެއްގައި އެކަނި ކަމަށެވެ. އެއީ ޗެއާޕާސަން އޮންނަ ބާރެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"ހުށަހެޅިފައި އެބަހުރި މައްސަލަތަކެއް، އެ މައްސަލަތައް އަޅުގަނޑުމެން މިދަނީ ބަލަމުން، އެ ބަލާފަ އަޅުގަނޑުމެންނަކީ ތަހުގީގު ކުރާ ބައެއް ނޫން ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން، ދެން ކޮންގްރެސް ލަސްކުރަން ޖެހޭ އެއްވެސް ކަހަލަ ސަބަބެއް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.
އާޒިމް ފޮނުއްވި ސިޓީގައި ވަނީ، ޕާޓީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއް ގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު މިހާތަނަށް ވެސް ހިއްސާކޮށްފައިނުވާ ކަމަށް އޭގައިވެ އެވެ.
"ކޮންގްރެސްއަށް ނޮމިނޭޓުކޮށްފައިވާ ގޮފިތަކުގެ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއިމެދު، މި ޕާޓީގެ ގިނަ މެމްބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުންނާއި ނައިބުރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކޮށްފައި ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އެދި ދަންނަވަމެވެ." އާޒިމް ފޮނުވި ސިޓީގައި ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. މިކޮންގްރެސްއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގަރާރެއް ހުށަހަޅާފަ އެވެ.
މިގަރާރާއި ގުޅިގެން އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތައް ވަނީ އިތުރަށް ގޯސްވެފަ އެވެ.