=

ވެރިކަމުގެ ނިޒާމާ ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ކޮންގްރެސްއިން ނުނިންމައިފިނަމަ އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި މިއަދުގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މިހާރު އޮތް ގޮތަށް އޮވެއްޖެ ނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ގިނަ ބަޔަކަށް ފެނުނު ނަމަވެސް ރާއްޖޭގެ ވެރިކަން ލިބި ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ނަޝީދު ވިދާޅުވި އެވެ.

"މި ޕާޓީއަށް 2023 ވަނަ އަހަރުން، ދެން ކުރިއަށް އޮތް ފަސް އަހަރަށް ރައްޖޭގެ ޒައާމަތުގައި ތިބެ، ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތްތަކެއް ވިސްނުމަކީ މި ކޮންގްރެސްގެ ވާޖިބެއް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް، ރައީސުލްޖުމްހޫރިއްޔާގެ ވެސް މަސްއޫލިއްޔަތެއް، އަޅުގަނޑުގެ ވެސް އަދި ކޮންގްރެސްގެ ރިޔާސަތުގެ ވެސް، ހުރިހާ ބައިވެރިންގެ ވެސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕާޓީ ބައިބައި ނުވެ، އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މި ހިޔާލު ތަފާތުވުންތަކުން ޕާޓީއަށް އަރައިގަނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރަނގަޅަށް ހިސާބު ބައްލަވާ. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވޯޓު ދިނީ ޖުމުލަ 233،896 މީހުން. އެމީހުންގެ ތެރެއިން 42 ޕަސަންޓް ވޯޓު ޕީޕީއެމުން ނެގި. އެއީ 98،000 އެއްހާ ވޯޓު. 233،896 އިން 98،000 އުނިކުރީމާ މުޅި ޖުމުލަ ބާކީ މިއޮތީ 135،000 ވޯޓު. އެބަ ވަރަށް ސާފުވޭ ޖުމްހޫރީ ޕާޓީން، މި ގާނޫނު އަސާސީއަށް އަމަލުކުރާން ފެށީއްސުރެ ކޮންމެ އިންތިހާބެއްގައިވެސް 12-15 ޕަސަންޓް ވޯޓު ނަގާ. އަދާލަތު ޕާޓީއާއި އަދި އެމްއާރުއެމް އެކުގައިވެސް ނުނަގާ ހަ ޕަސަންޓް. ޖުމްހޫރީ ޕާޓީގެ 12 ޕަސަންޓް އެއީ 16،000، އަދާލަތު ޕާޓީއާއި އަދި އެމްއާރުއެމް އެކުވީމާ 7،000 ވޯޓު، ހުރިހާ ކަމަކަށް ކަނޑައި ނިމުނީމާ އެމްޑީޕީއަށް ނެގެން މި އަންނަނީ 112،000 ވޯޓު. މި ޕާޓީ ބައިވެއްޖެ ނަމަ، އަޅުގަނޑުމެންނަކަށް އެ ވޯޓެއް ނުނެގޭނެ. މިއަދު މިއޮތް ގޮތަށް ކަންކަން އޮވެއްޖެ ނަމަ އަޅުގަނޑު ދެކޭ ގޮތުގައި މި 112،000 ވޯޓުން 40 އަކަށް ޕަސަންޓް ވޯޓު އެމްޑީޕީއަށް ގެއްލި، އަޅުގަނޑުމެންނަށް 2023 ވަރަށް ބޮޑަށް އުނދަގޫވާނެ،" ބޮޑު ވަޒީރަކަށްވުމުގެ ހުވަފެން ދެކެވަަޑައިގަންނަވާ ނަޝީދު ވިދާޅުވި އެވެ.

ފެށުނީއްސުރެ ބަރުލަމާނީއަށް ތާއީދުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

"މި ކޮންގްރެސްގެ ކުރިއަށް އެއީ އުކުޅަހުގައި ބޭއްވުނު ކޮންގްރެސް، އޭގައި އެނގިވަޑައިގަންނަވާނެ މެނިފެސްޓޯގައިވެސް ފާސްކުރެވުނީ 18 މަސް ދުވަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަސައްކަތް ކުރުމަށް. އެހެންނަމަވެސް މިވަގުތު އެގޮތަކަށެއް އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު ނުދެކޭ،" ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ކޮންގުރެސްއަށް ހުށަހެޅުއްވި ގަރާރަކީ ބަރުލަމާނީ ނިޒާމް ގެނައުމާ ގުޅޭގޮތުން އެމްޑީޕީއަށް ފެންނަ ގޮތެއް ނިންމައިދިނުމަށް ހުށަހެޅުއްވި ގަރާރެއް ނޫން ކަމަށެވެ. އަދި އެ ގަރާރު ހުށަހެޅުއްވީ އެކަމާ ގުޅޭގޮތުން ދެކެނީ ކިހިނެއްތޯ ރައްޔިތުންގެ ކައިރީ އަހައިދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނޫނެކޭ ބުނަންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.